ރާއްޖޭގެ 11 ރަށެއްގައި އައިސް ޕްލާންޓް ގާއިމުކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، 3 ރަށެއްގެ އައިސް ޕްލާންޓުގެ ސިވިލް މަސައްކަތް ފަށައިގެން ކުރިޔަށް އެބަދެއެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބަދައްލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދަު މުއިއްޒު ހިއްސާކުރެއްވި ޕްޒެންޓޭޝަންގައިވާގޮތުންނަމަ ދ. މީދޫ، ދ.ބަނޑިދޫ އަދި ށ. ފުނަދޫގައި ގާއިމުކުރަންފަށާފައިވާ އައިސް ޕްލާންޓްތަކުގެ ސިވިލް މަސައްކަތް މިހާރުވަނީ ފަށާފައެވެ. މީގެތެރެއިން މީދޫ ޕްލާންޓްގެ ސިވިލް މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު، ދެން ކުރިޔަށްދާނީ އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތެވެ. އަނެއް ދެ ރަށުގައި ސިވިލް މަސައްކަތް މިހާރު ކުރިޔަށްދާއިރު، ޕްލާންޓްތައް މިހާރު އޯޑަރުކޮށްފައިވާކަމަށް ރައީސް ހާމަކުރައްވާފައި ވެއެވެ.
ދ. މީދޫ، ދ.ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އާ ހަވާލުކުރީ، 8 މަސް ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިފްކޯއާއި މި ތިން މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ކޮންމެ އައިސް ޕްލާންޓެއް 8 މިލިއަން ރުފިޔާގެ މަގުން، ޖުމްލަ 24 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް އަޅަނީ، ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭވަރުގެ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭގޮތަށެވެ.
11 ރަށެއްގައި އައިސް ޕްލާންޓް ގާއިމުކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއަކީ، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވަމުން އަންނަ ދަތިތައް ހައްލުކޮށް، ރާއްޖޭގެ ހުރިހައި ސަރަހައްދަކުން މަސްވެރިންނަށް އެއްވެސް ތަކުލީފަކާ ނުލައި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ސަރުކާރުގެ ޚަރަދުގައި ދ. މީދޫ، ދ.ބަނޑިދޫ އަދި ށ. ފުނަދޫ، ކުޅުދުއްފުށި ސިޓީ، މ. ވޭވަށް، އަދި ޅ. ނައިފަރުގައިވެސް އައިސް ޕްލާންޓު ގާއިމުކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން 5 ރަށެއްގައި އައިސް ޕްލާންޓް ގާއިމުކުރަނީ ސައުދީ އަރަބިއްޔާގެ، ސައުދީ ފަންޑް ފޮރ ޑެވެލޮޕްމެންޓް(އެސްޑީއެފް) ގެ އެހީގަ އެވެ. އެއީ، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ އަދި ގދ. ރަތަފަންދޫގައި ތަރައްގީ ކުރާ އައިސް ޕްލާންޓްތަކެވެ. މީގެތެރެއިން ހއ. ދިއްދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ އަދި ގދ. ރަތަފަންދޫގައި އައިސް ޕްލާންޓް މަސައްކަތައް ޓެންޑަރކުރެވި، މިހާރު ބިޑް އިވެލުއޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި، ކުޅުދުއްފުށި ސިޓީ އައިސް ޕްލާންޓް ހެދުމަށް ބޭނުންވާ ފަންޑް ނެގުމަށް ސައުދީ ފަންޑްގެ އެޕްރޫވަލް ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމާއި، މިހާރު ހުރި ބައެއް އައިސް ޕްލާންޓްތަކުން އައިސް ލިބެންނެތުމާއި، އައިސް ހޯދަން ދުރު ރަށްރަށަށް ތެޔޮ އަންދާފައި ދަތުރުކުރުމަކީ މަސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމުކެވެ. އާ އައިސްޕްލާންތްތަކާއެކު މަސްވެރިން އައިސް ހޯދުމުގައި މިހާރު އުފުލަމުންދާ ތަކުލީފަށް ބޮޑު ލުޔެއް އަންނާނެކަމަށް ބެލެވެއެވެ.