މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް ގެނައި ބަދަލާއެކު، މަސްވެރިކަމުގެ ސިނާއަތައް ކުރިއެރުން އަންނާނެކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(ޢެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އޮތް އޮތުން ނިމުމަކަށް ގެނެސް، އެކުފުންޏަކީ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައެޅި މަގްސަދު އެކަށީގެންވާގޮތެއްގައި ހާސިލުވޭތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، މިފްކޯ އެސްޓީއޯގެ ސަބްސިޑިއަރީއަކުންނަގާ ވަކި ކުންފުންޏަކަށް ބަދަލުކުރީ ވަރަށް މާތް މަގުސަދެއްގައިކަމަށެވެ. އަދި، މިފްކޯގެ ހިންގުން ހަރުދަނާކޮށް މަސްވެރިކަމުގެ އިންޑަސްޓްރީއަށް ކުރިއެރުން ގެނެސްދިނުމަށްޓަކައިކަމަށް ވިދާޅުވި އެވެ.
މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި މިވީ ދުވަސްތަކުގައި، އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެތަން ހިންގަން ބޭރު ސީއީއޯއެއް ގެނައިނަމަވެސް އެކަން ރަނގަޅަށް ކުރިޔަށް ނުދިޔަ ކަމަށެވެ. އެެހެންނަމަވެސް މިހާރު ސީއީއޯއަކަށް އައްޔަންކުރައްވާފައިވާ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރަށް ވަރަށް ޔަގީންކަން އަބައޮތް ކަމަށްވިދާޅުވި އެވެ.
”އަޅުގަނޑުމެން އެދޭ ފެންވަރުގަ (ކުރިޔަށްގެންދަން) ވަރަށް އެފިޝޭންޓް ވާނެ. އަނެއްކަމަކަށް ކޮރަޕްޝަނެއް އެތާކު ނުހިނގާނެ. އަޅުގަނޑު ބޭނުންވަނީ ހުރިހައި ކުންފުނިތަކަކީ ކޮރަޕްޝަނަށް ދޮރު ބަންދުކުރެވިފަހުރި ކުންފުނިތަކަކަށް ހެދުން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިފްކޯއަށް މި ގެނައި ބަދަލާއެކު މަސްވެރިކަމުގެ އިންޑަސްޓްރީއަށްކުރިއެރުން އަންނާނެކަމަށެވެ. އަދި، ކޫއްޑޫގައި ތަރައްގީކުރުމަށް މިހާރު ހިނގާ މަޝްރޫއަކީ މިފްކޯއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެގޮތުގައިރައީސް ސިފަކުރެއްވިއެވެ.