މާލޭ އާ މަސް މާރުކޭޓް އެޅުމުގެ މަޝްރޫގެ މަސައްކަތް އަންނަ ޖުލައި މަހު ފެށޭނެކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުގެ އަދާހަމަކުރައްވަމުން ރައީސް ވިދާޅުވީ، މާލޭ މަސްމާރުކޭޓް މަސައްކަތަކީ އެމަނިކުފާނު މޭޔަރަކަށް ހުންނެވި އިރު ޕްލޭންކުރެއްވި މަސައްކަތެއް ކަމަށާއި، އެކި ސަބަބުތަކާހުރެ އޭރު އެ މަޝްރޫއު ކުރިޔަށްގެންދެވޭގޮތް ނުވީކަމަށެވެ. އެހެންނަމަވެސް އަދިވެސް ސަރުކާރުން ބޭނުންވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އެ މަޝްރޫއުގެ މަސައްކަތަ ކުރިޔަށް ގެންދިއުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
”ސަރުކާރުން އެކަމަށް ދޭންޖެހޭ ހުރިހައި އެއްބާރުލުމެއް ދީގެން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަގީންކަން އެބަައޮތް. ސިޓީ ކައުންސިލް ލައްވާ ބޭނުންވަނީ އޭރު ސޮއިކުރިގޮތަށް، ކައުސިލް ކްލައެންޓް ގޮތުގައި ބާއްވައިގެން ކުރިޔަށްގެންދަން.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޖުލައި މަހު މަސް މާރުކޭޓްގެ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވާކަމަށެވެ.
ޒަމާނީ ފެންވަރަށް، ހަތަރުބުރިއަށް އިމާރާތްކުރަން ޕްލޭންކޮށްފައިވާ މި މާރުކޭޓްގެ ގްރައުންޑް ފްލޯރ ޚާއްސަކޮށްފައިވަނީ މަސްމާރުކޭޓަށެވެ. ފުރަތަމަ ދެ ފްލޯ ކާބޯތަކެތި ވިއްކުމަށް ހާއްސަ ކޮށްފައިވާއިރު، މަތީ ބައިގައި ކެއިން ބުއިމުގެ ހިދުމަތްތަކާ އެކު އެހެން ވިޔަފާރިތަކަށް ފުރުސަތު އޮންނާނެ ކަމަށް މީގެކުރިން ރައީސް ވިދާޅުވެފައިވެއެވެ.