މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް އިންޑަސްޓްރީ(މިފްކޯ) އަށް ކިރާ މަހަށް 48 ގަޑީއިރުން ފައިސާދޫކުރަން ފެށިފަހުން މިހާތަނަށް، 488 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި ޕްރެޒެންޓޭޝަނެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ހަވާލުވީ އިރު މަސްވެރިންނަށް ދޫނުކުރެވި 250 މިލިއަން ރުފިޔާ ބެކްލޮގްގައި ހުރި ކަމަށާއި، ޑިލެއިތަކަކާއެކުވެސް، އެފައިސާ މަސްވެރިންނަށް ދެމުން އައިސް، ބޭންކް އޮފް މޯލްޑިވްސް އާއި މިފްކޯއާއި ފިނޭސް މިނިސްޓްރީއާއެކު ހެދުނު އެއްބަސްވުމުގެ ތެރެއިން 10 ޑިސެންބަރުން ފެށިގެން މިހާރު މެދު ނުކެޑި ފައިސާ ދޫކުރަމުން އަންނަކަމަށެވެ.
”މިދޭތެރެއިން އައި10 ދުވަސް، ރޯދަމަސްވެސް ބަންދުވި ފަހު ދިހައެއްއީދުވެސް، އެއްވެސް ގޮތަކަށް މެދުނުކެނޑި ހަމަ ބަރާބަރަށް 48 ގަޑީއިރުގެތެރޭގައި މިދަނީ އިރާދަކުރެއްވިއްޔާ ފައިސާދެމުން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަވައިދުން ފައިސާދޭން ފެށިފަހުން މިހާތަނަށް 488 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އަދި، މިސަރުކާރު ހަވާލުވީފަހުން މަސްވެރިންނަށް ދޫކުރި ފައިސާއާއި ތެލުގެ ސަބްސިޑީ ހިމެނޭގޮތުން ޖުމްލަ 1.59 ބިލިއަން ރުފިޔާ ވަނީ ދޫކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިންނަށް މެދުނުކެދީ ފައިސާ ދެމުންގެންދާތީ މަސްވެރިންނަށް ފައިސާ ލިބޭނެކަން ޔަގީންވެ މަސްވެރިކަމުގެ ސިނާއަތަށް އާރޯކަން އައިސްފައިވާކަމަށެވެ. އެގޮތުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް އިންވެސްޓްކުރަން މިހާރު ފަށާފައިވާކަމަށާއި، އަމިއްލަ ފަރާތްތަކުންނާއި، މަސްވެރިންނާއި ކެޔޮޅުން އޮޑިތައް ބަންނަން ފަށައިފިކަމަށެވެ.
ބަރާބަރަށް ފައިސާދޭންފެށިފަހުން ކުރުން ދޯނިތަކުން ފޭބި ޒުވާނުން އަލުން މަހަށް ނިކުންނަން ފަށައިފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޒުވާނުން މަހަށް އަލުން ނިކުންނަން އެ ފެށީ ފައިސާ ލިބޭނެކަމުގެ ޔަގީކަން މިހާރު އޮތުމުން ކަމަށެވެ. ޒުވާނުން އަނބުރާ މަހަށް ނެރުމަކީ އަމާޒުކަމަށް ވިދާޅުވެ، ރައީސް ވަނީ ކުރިޔަށް އޮތްތާނގައިވެސް ގަވައިދުން މަސްވެރިންނަށް ފައިސާ ދޫކުރަމުންދާނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.