ބ. ތުޅާދޫ ބަނދަރު ސަރަހައްދުގައި މަސްކަނޑާ ތަނެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް ބީލަމަށް ހުޅުވާލައިފި އެވެ.
މިއީ، އެކައުންސިލުން ބީލަމަށް ހުޅުވާލި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ބީލަމަށް ހުޅުވާލީ މާޗްމަހުގެ ތެރޭގައެވެ. އަދި، ދެވަނަ ފަހަރަށް ބިޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިިދިމަހު އެވެ. ތިންވަނަ ފަހަރަށް އަލުން ބިޑަށް ހުޅުވާލީ ކުރިމަތިލާން ދިން މުއްދަތުގައި އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެވެ.
ކައުންސިލުން ބުނީ، ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މެއި 07 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް މިލިންކް މެދުވެރިކޮށް ”ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް“ ފުރިހަމަކޮށް ރަޖިސްޓްރީކުރެވޭނެކަމަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނިކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މެއި 03ވާ އަންގާރަ ދުވަހުގެ 10:30ގައި ކައުންސިލް އިދާރާގެ ޕްރޮކިއުމެންޓް ސެކްޝަންގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތަކާއި، ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ނުވަތަ މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މެއި 08ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރުމަށް ކައުންސިލުން އެދިފައި ވެއެވެ.