ތ. އަތޮޅުގައި ކަނޑައިގެން ގޮސްފައިވާ މަސް ކަނދުފަތި ބޮއިތައް މި ހަފުތާގެ ތެރޭގައި އަޅާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ކުރިޔަށްގެންދާ މަސް ކަނދުފަތި އެޅުމުގެ ޕްރޮގްރާމްގެ ދަށުން، ފިޝަރީޒް މިނިސްޓްރީގެ ޓީމެއް މިހާރު ދަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދަތުރުކުރަމުންނެވެ. މިދަތުރުގައި މިއަދު ވަނީ މުލަކު އަތޮޅު ދިއްގަރު ބޭރުގައި ސްޕޯޓްސް ފިޝިންގްއަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅާފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، ތ. އަތޮޅުގައި ކުރިން އަޅާފައި ހުރި ބައެއް ކަނދުފަތި ކަނޑައިގެން ގޮސްފައިވާތީ، މިނިސްޓްރީ ޓީމްގެ ދަތުރުގައި މި ހަފްތާގެ ތެރޭގައި އެ ކަނދުފަތިތައްވެސް އަލުން އަޅާނެކަމަށެވެ.
ތ. އަތޮޅުގައި ދޮށީމަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ 6 ކަނދުފަތީގެތެރެއިން 2 ކަނދުފަތި މިހާރުވަނީ ކަނޑައިގެންގޮސްފަ އެވެ. އެއީ، ހިރިލަންދޫ ކަނދުފައްޗާއި، ވިލިފުށީ ކަނދުފައްޗެވެ. އަދި ސްޕޯޓްސް ފިޝިންގްއަށް ޚާއްސަކޮށް އަޅާފައިވާ 2 ކަނދުފަތީގެ ތެރެއިން ބުރުނީ ކަނދުފަތި ވަނީ ކަނޑައިގެން ގޮސްފަ އެވެ.
ތ. އަތޮޅަކީ މަސްވެރިކަމުގެ ސިނާއަތުގައި ބޮޑު އާބާދީއެއް ހަރަކާތްތެރިވަމުން އަންނަ އަތޮޅެކެވެ. ފިޝަރީޒް މިނިސްޓްރީން އެންމެ ގިނަ ކަނދުފަތި އަޅާފައިވާ އަތޮޅުތަކުގެ ތެރޭގައި އެއަތޮޅު ހިމެނެއެވެ.