back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިކަމާ ގުޅުންހުރި އިގުތިސާދީ ހަރަކާތްތަކުގައި ކަނބަލުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކޮށްފި

މަސްވެރިކަމާ ގުޅުންހުރި އިގުތިސާދީ ހަރަކާތްތަކުގައި ކަނބަލުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށްދިޔައީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.

ދެ ވުޒާރާގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވީ، ދިވެހި އަންހެނުން މަސްވެރިކަމުގެ ދާއިރާގައި ބާރުވެރިކުރުމަށާއި، މިދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

މި މަޝްވަރާގެ ތަފުސީލުތައް ”ކެޔޮޅާ“ އާ ހިއްސާ ކުރައްވަމުން ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރ ސިނާއަތުގައި، ވަކިން ޚާއްސަކޮށް މޫދުވިނަ ހެއްދުމުގެ މަޝްރޫއުތަކުގެ ސަބަބުން އަންހެނުންނަށް ރަށުގައި ތިބެގެން އިގުތިސާދީ ނަފާ ލިބޭނެމަގު މިހާރު ފަހިވަމުން އަންނަކަމަށެވެ. އެހެންކަމުން އެފަދަ މަޝްރޫއުތަކުގައި އަންހެނުން ވީހާވެސް ބޮޑަކަށް ޝާމިލުކޮށް، އޭގެއިން ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށް ދެ މިނިސްޓްރީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިކަމާ ގުޅުންހުރި އިގުތިސާދީ ހަރަކާތްތަކުގައި އަންހެނުން ބާރުވެރިކޮށް، އެފަދަ ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ދެ މިނިސްޓްރީ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް ފާހަގަކުރެވިފައިވާކަމަށާއި، މުސްތަގުބަލުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އެފަދަ މަސައްކަތްތައް ކުރިޔަށް ގެންދިއުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށެވެ.

ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ދާއިރާއިން އަންހެނުން ބިނާކޮށް އެ ދާއިރާގައި އަންހެނުން އަމަލީ ގޮތުން ހަރަކާތްތެރިވުމަކީ، މާލީ ގޮތުން ފުދުންތެރި އަންހެނުން ބިނާކޮށް، އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެއެވެ. އާބާދީގެ ދެބައިކުޅެ އެއްބަޔަކީ އަންހެނުން ކަމުގައިވާއިރު، މުޖުތަމަޢުގައި އަންހެނުންނަކީ އިޤުތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ޙާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.

މިލިޔުމާއި ގުޅޭ