back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީއެމްއެލްއިން ފައިނޭންސިންގ ޚިދުމަތް ތައާރަފްކުރަނީ

މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ފައިނޭންސިންގެ ޚިދުމަތް ތައާރަފްކުރުމަށް، އެބޭންކުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙުމަދު ޝިޔާމްއެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެވެ.

މި ފަހުމުނާމާއަކީ، ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސްވެރިކަމުގެ ވަޢުދުތަކުގެ ތެރެއިން، މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައ،ި
ބޭންކިންގ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތޭގޮތަށް މާލީ އިދާރާތަކުން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދުމަށް މަސްވެރިންނަށް ފުރުޞަތު
ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސްއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި ވެވުނު ފަހުމުނާމާއެކެވެ. މީގެ ދަށުން ޚިދުމަތްދޭން ފަށާނީ އަންނަމަހުގެ 1ވަނަ ދުވަހުއެވެ.

މި ފަހުމުނާމާގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކުރައްވާފައެވެ.

މިގޮތުން މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގްވެސް ނެގޭނެ ކަމަށާއި، އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ހަމަޖައްސައިދޭނެ ކަމުގައިވެސް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. އެބޭންކުން ހާމަކޮށްފައިވާ ގޮތުގައި މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެއެވެ.

”މި އެއްބަސްވުމުގެ މަޤްޞަދަކީ މަސްވެރިންނަށް ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފަހިކޮށް އިތުރުކޮށްދިނުން. މިގޮތުން މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި މޫސުމީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކުގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދެވޭނެ.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުން، ޕަރސަނަލް ފައިނޭންސިންގެ އިތުރުން، މަސްވެރިންނަށް ހޯމް ބިލްޑް ފައިނޭންސިންގް، ހޯމް ޕަރޗޭސް ފައިނޭންސިންގް އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް އަށްވެސް އެދި ހުށަހެޅޭނެކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިއަދު ހާމަކޮށްފައެވެ.

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަޤްސަދުގައި މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިވައުދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒް ކުރުމުގެ ގޮތުން، ކެޔޮޅު ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024ގައި ތައާރަފްކޮށް އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ތެރެއިން %95 އުޅަނދުފަހަރު ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ވެއެވެ.

މިލިޔުމާއި ގުޅޭ