މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓް(އެމްޓީއައި)ގެ ފަރާތުން ގދ. ގައްދޫގައި ”ނިޔަމި ކޯސް 2“ ހިންގަން ނިންމައިފި އެވެ.
އެމްޓީއައިއިން ގައްދޫގައި ހިންގަން ނިންމާފައިވާ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ގައްދޫ ކައުންސިލުން އިއްޔެވަނީ ހުޅުވާލާފައެވެ.
ކައުންސިލުން ބުނީ، މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ގޮސް ނަން ނޯޓް ކޮށްލެވޭނެކަމަށެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު މުއްދަތަކީ 01 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ކަމަށާއި، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް ނަން ނޯޓް ކުރެވޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ކޯސް ހިންގާނެ ވަކި ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. މިކޯހާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ 7610607އަށް ގުޅާލުމަށް ކައުންސިލުން އެދިފައިވެއެވެ.
”ނިޔަމިކަމުގެ ކޯސް-2“ އަކީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ. އާންމުކޮށް އެމްޓީއައި އިން މި ކޯސް ހިންގަނީ ހަތަރު ދުވަހުގެ މުއްދަތަކަށް(30 ގަޑީއިރު)ގެ މުއްދަތަކަށެވެ. މިކޯހުގައި ނެވިގޭޝަން، ކޮމިއުނިކޭޝަން، އަދި އާންމު ދޯނިތަކުގެ މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދެއެވެ.
މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ގިނަ ކޯސްތަކެއް މާލެއާއި އަތޮޅުތެރޭގައި ހިންގަމުންދެއެވެ. އެމްޓީއައިގެ ދަށުން ހިންގަމުން އަންނަ އެސްޓްރަލް މެރިންއިންވެސް ދަނީ މެރިޓައިމް ދާއިރާއާ ގުޅުން ހުރި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި، ދޯނި އަދި ސަފާރީގެ ރަޖިސްޓްރީކުރުމާއި އާކޮށްދިނުން، ދޯނި އަދި ސަފާރީގެ އުޅަނދުގެ އިންޝުއަރެންސް ކޮށްދީ ކްލެއިމްކޮށްދިނުން، އޮޑިފަހަރުގެ ސަލާމަތީ ލިޔުން އާކުރުމާއި މުޅިން އަލަށް ހައްދައިދިނުން، އަދި އޮޑި ދުއްވުމުގެ ލައިސަންސް އާކޮށްދިނުމުގެ އިތުރުުން އަލަށް ލައިސަންސް ހަދަން ބޭނުންވާ ފަރާތްތަކައް ލައިސަންސް ހަދައިދިނުމުގެ ޚިދުމަތްވެސް ވިޔަފާރި އުސޫލުން ކޮށްދެއެވެ.