back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފިޝަރީޒް ކޮލެޖުން 3 ދަރިވަރަކު ދަސްވެނިވެއްޖެ

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ(އެމްއެންޔޫ) ގެ ދަށުން ހިންގަމުން އަންނަ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ގެ ތިން ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

ދަސްވެނިވި ތިން ދަރިވަރުންނަކީ، އެ ކޮލެޖުން ހިންގި ބެޗެލާސް އޮފް މެރިން ސައިންސް ކޯސް ފުރިހަމަކުރި އަހްމަދު ހަނާން، އާމިނަތު ސުހާ ހާޝިމް އަދި ހަމްދާ ހުސައިން ރަޝީދު އެވެ. ޑިގްރީ ހާސިލްކުރި ފުރަތަމަ ބެޗްގެ ދަރިވަރުންގެ ނަންތައް އިއުލާނުކޮށް ސަނަދު ހަވާލުކޮށްފައިވަނީ އިއްޔެ ބޭއްވި އެމްއެންޔޫ ދަސްވެނިވުން  2025ގެ ތިން ވަނަ ދަންފަޅީގަ އެވެ.

ފިޝަރީޒް ކޮލެޖުން ޑިގްރީ ސަނަދު ހާސިލުކުރި ދަރިވަރުންގެ ނަންތައް އެކޮލެޖްގެ ޑީން ޑރ. އަހްމަދު ރިޔާޒް ޖައުހަރީ އިއުލާންކުރައްވަނީ/ ފޮޓޯ: އެމްއެންޔޫ

ސަނަދު ހާސިލުކުރި ތިން ދަރިވަރުންގެ ނަންތައް އިއުލާންކުރެއްވީ ކޮލެޖްގެ ޑީން ޑރ. އަހްމަދު ރިޔާޒު ޖައުހަރީ އެވެ. އަދި، ސަނަދު ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ކައުންސިލް މެންބަރު ޑރ. އިބްރާހިމް މުހައްމަދު އެވެ.

ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައެންސަސްއިން ބެޗެލަރ އޮފް މެރިން ސައިންސް ޑިގްރީ ހާސިލްކުރި ފުރަތަމަ ބެޗްގެ ދަރިވަރުންނަށް ފިޝަރީޒް މިނިސްޓްރީންވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފަ އެވެ. އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަސްވެރިކަން ޒަމާނީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން އުފެދިގެން އައި ފިޝަރީޒް ކޮލެޖުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޢިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުންކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ 2023 ވަނަ އަހަރު ފާހަގަކުރި، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ. އަދި ފިޝަރީޒް ކޮލެޖް ގާއިމުކުރުމުގެ އެއްބަސްވުމަކަށް އެމްއެންޔޫއާއި ފިޝަރީޒް މިނިސްޓްރީއާ މެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 27 ވަނަ ދުވަހު އެވެ. އެކޮލެޖަށް ޑީންއަކު ހަމަޖައްސަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

ކޮލެޖުގެ ޑީން ޑރ. އަހްމަދު ރިޔާޒު ޖައުހަރީ މީގެކުރިން ވިދާޅުވެފައިވަނީ، ފިޝަރީޒް ކޮލެޖަކީ ހަމައެކަނި މަސްވެރިކަމާބެހޭ ތައުލީމު އުގަންނައިދޭ މުއަސަސާއެއް ނޫން ކަމަށާއި، އެތަން ވެގެންދާނީ މާހައުލީ ނިޒާމްތައް ދެނެގަނެ އެކަންކަން އަންނަން އޮތް ޖީލުތަކަށް ވާސިލު ކޮށްދޭނެ މުހިންމު ބިންގަލަކަށްކަމަށެވެ. އަދި، އެ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމު ވެގެން ދާނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ ނަފާ އެންމެ ފުރިހަމައަށް ހޯދުމަށް މަގުފަހިކޮށްދޭ ޢިލްމަށް ކަމަށާއި، އެ ކޮލެޖުގެ ދަރިވަރުން ވެގެންދާނީ ދިރާސާތަކުގެ އަލީގައި އުގެނި ރާއްޖޭގެ މެރިން ސައެންސްގެ ދާއިރާގެ އިސްސަފުގައި މަސައްކަތްކުރާނެ ބަޔަކަށް ކަމަށެވެ.

މިލިޔުމާއި ގުޅޭ