ސައުދީ ފަންޑް ފޮރ ޑެވެލޮޕްމެންޓް(އެސްއެފްޑީ)ގެ އެހީތެރިކަމާއެކު ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، މި މަޝްވަރާތައް ކުރިޔަށް ދިޔައީ މިނިސްޓަރު އަހްމަދު ޝިޔާމް، ރާއްޖެ ވަޑައިގެންނެވި އެސްއެފްޑީގެ ވަފްދާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ. މި ބައްދަލުވުމުގައި، މަސްވެރިކަމުގެ ދާއިރާގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އެ ދާއިރާގެ ގާބިލިއްޔަތުކަން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދެވިދާނެ އިތުރު މަޝްރޫޢުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނުކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި މުހިންމު ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، އިސްވެރިން ބައިވެރި ވަޑައިގެންނެވި އެވެ.

އެސްއެފްޑީގެ ވަފްދުން ރާއްޖެ ކުރި ދަތުރުފުޅުގައި، އެ ބޭފުޅުން ވަނީ ކޫއްޑޫއަށް ވަޑައިގެން އެ ފަންޑްގެ އެހީގައި ކޫއްޑޫގައި ކުރިޔަށްގެންދާ މަޝްރޫގެ މަސައްކަތްތައް ކުރިޔަށްދާގޮތްވެސް ބައްލަވަާލައްވާފައެވެ. އެ ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނާއި، މިފްކޯގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި ކޫޢްޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކުރިއެރުންތައް މުރާޖައާކޮށް، މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ކުރިއެރުވުމަށާއި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެސްއެފްޑީން އެއްބާރުލުން ދިނުމަށް ކުރިޔަށްގެންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައި ވެއެވެ.
އެސްއެފްޑީގެ ދަށުން މ. މުލަކުގައި 500 ޓަނު އަދި ކޫއްޑޫގައި 4,000 ޓަނުގެ މަސް ސްޓޯރޭޖް ގާއިމުކުރުމަށް 2024 ވަނަ އަހަރު ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް 2025 ވަނަ އަހަރު ނިންމުމުގެ މަސައްކަތްވަނީ ފަށާފައެވެ. މީގެ އިތުރުން ކޫއްޑޫ ބަނދަރު ބޮޑު ކުރުމާއި، 5 ރަށެއްގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުވެސް ސައުދީ ފަންޑްގެ އެހީގައި ކުރިޔަށް އެބަދެއެވެ.