”އެންދެރި“ މަޝްރޫއުގެ ދަށުން، ލާމު އަތޮޅުގައި ބާއްވާ ބޭސިކް ރޭންޖަރސް ކޯސް ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނިޔަމި 2 ކޯހުގެ ސެޓްފިކެޓް ލިބޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.
އެންދެރި މަޝްރޫއުގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި ގުޅިގެން ހިންގާ މި ތަމްރީން ޕްރޮގްރާމަކީ ލާމު އަތޮޅުގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ހާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ތައްޔާރުކޮށް، ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނެ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި ރޭންޖަރުންތަކެއް އުފެއްދުމުގެ މަގްސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.
ބޭސިކް ރޭންޖަރސް ކޯހުގެ ފުރަތަމަ ބުރު ލާމު އަތޮޅަށް ހާއްޞަކޮށްފައިވާއިރު، މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢި ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެކަމަށާއި، މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ނިޔަމި 2 ކޯހުގެ ސެޓްފިކެޓް ލިބޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ބާރަ ހަފްތާގެ މުއްދަތުގެ ތެރޭގައި، އެކި ދުވަސްތަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީން ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެން، އެމް.އެއް.ޔޫ ލ.ގަމު ކޭމްޕަސްގައެވެ. އެއީ ތިއަރީ އަދި ޕްރެކްޓިކަލް (އަމަލީ) ސެޝަންތަކެއްގެ ގޮތުގައެވެ.
20 ބައިވެރިންނަށް އަމާޒުކޮށް ކުރިޔަށްގެންދާ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ބުނީ، ކޯހުގެ ބައިވެރިން ހޮވުމުގައި، ލ. އަތޮޅުގެ މީހުން ދިރި އުޅޭ ކޮންމެ ރަށަކުން 1 ފަރާތެއް ހޮވުމަށް އިސްކަންދޭނެކަމަށެވެ. އަދި، ތަމްރީނު ޕްރޮގްރާމަށް މީހުން ހޮވުމުގައި އަންހެނުންނަށް އިސްކަންދޭނެކަމަށާއި، މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއްގެ ގޮތުގައި 4500.00 ދިވެހި ރުފިޔާ ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
ކޯހަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ. ހުށަހެޅުންތައް ހުށައަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިންނެވެ. އީމެއިލްއަކީ [email protected]އެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެންދެރި ޕްރޮޖެކްޓްގެ ލާމު އަތޮޅުގައި ހުންނަ ޕްރޮކެޖްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގެ ނަންބަރު 7257321 އާއި ގުޅާލުމުން ލިބޭނެކަމަށް މިނިސްޓްރީންބުންޏެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިޔަށްގެންދާ ”އެންހޭންސިން ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް“، (އެންދެރި) މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރައުސްމާލު ވަޒަންކޮށް، މި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭ ގޮތްތައް ކަނޑައަޅައި، މި ވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި 2021 ވަނަ އަހަރު އެކުލަވާލަފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ އަމާޒަކީ ދިވެހި ސަރުކާރުން އަލަށް ކަނޑައަޅާ ތިމާވެށީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި، އަތޮޅުތައް ތަރައްޤީކުރުމުގައި ”ގްރީން ގްރޯތް“ ނުވަތަ ކަނޑުގެ ޤުދުރަތީ ރައުސްމާލް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަދި މުރަކަފަރުތަކުގެ ވިލުން އަދި އިޔާދަވުން އިތުރުވާނޭފަދަ ތަރައްގީގެ ވިސްނުންތަކެއް ބަލައިގަތުމުގައި އެހީތެރިވުމެވެ. މިމަޝްރޫޢު އަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ރައުސުލްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓްސް) ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތައް ހޯދާ އެ އެކައުންޓުތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަރުތަކުގެ މާހައުލާއި ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، މި މާހައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝަރޫޢުތަކުން ލިބޭ އަދި ލިބިދާނޭ ނޭދެވޭ ގެއްލުންތައް ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދައި އެފަދަ ގޮތްތައް ނަކަލު ކުރެވޭނޭ ނިޒާމެއް ހޯދުމަށް މަގުފަހި ކުރުމުގެ މަޤުޞަދުގައި ރޭވިގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.