މިއަދު ހެނދުނު، ހދ. ކުޅުދުއްފުށީ ފަރު ކައިރިއަށް މަސްހިފަން ފޭބި މީހެއްގެގައިގައި މިޔަރެއް ދަތްއެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.
”ކެޔޮޅާ“ ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ މިއަދު ހެނދުނު 7 ޖަހަން އުޅެނިކޮށް ހިނގި މިހާދިސާގައި ޒަޚަމްވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާއަށް މިޔަރު ހަމަލާދީފައި ވަނީ، އިތުރު ތިން މީހުންނާއި އެކު މަސްހިފަން މޫދަށް ފައިބައިގެން އުޅެނިކޮށެވެ. މިޔަރު ހަމަލާދިނީ އެމީހާ މޫދަށް ފޭބިތާ މާ ގިނައިރުތަކެއް ނުވަނީސް ކަމަށާއި އޭރު އަތުގައި އެއްވެސް މަހެއްވެސް ނެތް ކަމުގައި އޭނާ ބުންޏެވެ.
މިޔަރު ހަމަލާދިނުމުގެ ސަބަބުން އޭނާގެ ކަނާތުގެ ކޮނޑުހުޅު ނެއްޓި ކޮނޑުމައްޗާއި އެކު އަތާއި އަރިކަށިން ބޮޑުތަނެއް ޒަޚަމްވިއެވެ. އޭނާއަށް މިޔަރު ހަމަލާދިނުމުން، ސަލާމަތްކޮށްގެން ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ އޭނާ އާއި އެކު މަސްހިފަން ދިޔަ އަނެއް ތިން މީހުންނެވެ. އޭނާގެ ހާލު ސްޓޭބަލްކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގައިވެސް ކުޅުދުއްފުށިން މައުލޫމާތު ދިން މީހާ ބުންޏެވެ. ކުޅުދުއްފުށީ ފަރުކައިރިން ގިނަ އަދަދެއްގެ މިޔަރު ފެންނަކަމަށާއި އެހެން ނަމަވެސް ހަމަލާދިނީ ކޮންބާވަތެއްގެ މިޔަރެއްކަން ނޭނގޭ ކަމުގައިވެސް އޭނާ ބުންޏެވެ.
ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވެ އާއްމުންނާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް އެކަމުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، މިދިޔަ އަހަރުގެ ޖޫން މަހު، ލ. މާވަށް ކައިރިން ކަނޑަށް ފޭބި ސިފައިންގެ މީހަކަށްވެސް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން ނިޔާވެފައި ވެއެވެ.