މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ(އެމްއެންޔޫ) އިން ބާއްވަމުން އަންނަ އިލްމީ ފޯވަހި ސިލްސިލާގެ މިއަހަރުގެ ތިން ވަނަ ސެމިނާ މިއަދު ބާއްވައިފި އެވެ.
މިއަދު ބޭއްވި ސެމިނާ ޚާއްޞަކޮށްފައިވަނީ، ކަނޑުދަތުރުފަތުކުރުމުގެ ސިނާއަތުގައި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުންނެވެ. މި ސެމިނާގައި، ޕެނެލިސްޓުންގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ހެޑް އޮފް ސެންޓަރ ކެޕްޓަން މުހައްމަދު ޒައިދު އާއި މެރިޓައިމް އިންސްްޓްރަކްޓަރ، ކެޕްޓަން އަހްމަދު ޖާބިރުގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އައިޝަތު ނީޝާ ޚަލީލެވެ. މި ސެމިނާގައި ބައިވެރިންނަށް، ކަނޑުދަތުރުފަތުކުރުމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ކަންކަމާއި ގުޅޭ ގޮތުން ޕްރެންޓޭޝަނެއް ވަނީ ހުށައަޅާފަ އެވެ.
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ހެޑް އޮފް ސެންޓަރ ކެޕްޓަން މުހައްމަދު ޒައިދު ވިދާޅުވީ، މި ސެމިނާރ ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، ކަނޑުދަތުރުކުރުމުގެ ސިނާޢަތުގައި އަންހެނުންގެ ދައުރު ފުޅާކުރުން ކަމަށެވެ. ޒައިދު ވިދާޅުވީ، ޝިޕިންގ އިންޑަސްޓްރީގެ ވާހަކައަކީ، ދިވެހިންގެ ތެރޭގައި މާބޮޑަށް ވާހަކަ ދެކެވޭ ދާއިރާއެއްވެސް ނޫން ކަމަށާއި އެހެންވެ މިދާއިރާގައި އަންހެނުންނަށް ފުރުޞަތުތައް ހުރި ކަމާއި، މިއީ ރައްކާތެރިކަމާއި އެކު އަންހެނުންނަށްވެސް މަސައްކަތް ކުރެވޭނެ ދާއިރާއެއްކަން އަންގައި ދިނުމަކީވެސް މިފަދަ ހަރަކާތެއް ކުރިޔަށް ގެންދިޔުމުގެ މަޤުޞަދު ކަމަށެވެ. އަދި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން(އައިއެމްއޯ)އިންވެސް އެކަމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ޒައިދު ވިދާޅުވިއެވެ.
އިލްމީ ފޯވަހީގެ މިއަދުގެ ސެމިނާ އިންތިޒާމްކޮށްފައި ވަނީ، އެމްއެންޔޫގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްއިންނެވެ. ގައުމީ ޔުނިވަސިޓީގެ ފަރާތުން އާންމުކޮށް ހުޅުވާލައިގެން ”އިލްމީ ފޯވަހި“ގެ ނަމުގައި ސިލްސިލާ ސެމިނާތައް ފެށީ 2013ވަނަ އަހަރުއެވެ.