back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަމުން މިދަނީ މަސްވެރިންގެ އަޑު އަހައިގެން: ރައީސް

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރައްވަމުން ގެންދަވަނީ މަސްވެރިންގެ އަޑު އަހައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގެ މިއަދުގެ ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅުކުރައްވާގޮތުގައި، މަސްވެރިކަމުގެ ސިނާއަތަކީ، ރާއްޖޭގެ އިގުތިސާދީ ލޭނޭރުކަމަށާއި، އެހެންކަމުން މަސްވެރިކަން އާލާކޮށް ފުޅާކުރުމަކީ ވަރަށް މުހިންމުކަމެއްގެގޮތުގައި ދެކި، އެމަނިކުފާނުގެ ސިޔާސަތު އަދި މެނިފެސްޓޯގައިވެސް އެކަން ހިމަނާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރު އާއިރު އެކި ސަބަބުތަކާހުރެ މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ހައްލުކުރެއްވީ، އޭރު ދިމާވެފަ އޮތް އެންމެ ބޮޑު މައްސަލަކަމަށްވާ މަސްވެރިންނަށް ފައިސާ ނުދެވޭ މައްސަލަކަމަށާއި، އެކަން މިހާރު ހައްލުކޮށް މަސްވެރިންނަށް ގައިވައިދުން، މެދުނުކެނޑި ފައިސާ ދޫކުރަން ފެށިފަހުން އޭގެ ރަނގަޅު ނަތީޖާ ފެންނަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

މަސްވެރިންނަށް ދެން އެންމެބޮޑަށް ދަތިވަމުން އަންނަ މައްސަލައަކީ ފަސޭހަކަމާއެކު ތެލާއި އައިސް ނުލިބޭ މައްސަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަންކަމަށްވެސް ވަރަށް ބޮޑު ހައްލުތަކެއް ގެނައުމަށް ސަރުކާރުން މިހާރު މަސައްކަތްކުރަމުން އަންނަކަމަށާއި، އެކަންކަން ކުރިޔަށްގެންދަނީ މަސްވެރިންގެ އަޑު އަހައިގެންކަމަށެވެ.

”އަޅުގަނޑު މަސްވެރިންނާ ބައްދަލުވެސް ކުރަން. ރައީސް އޮފީހުގަވެސް ބައްދަލުކުރިން ކެޔޮޅުންގެ ޓީމަކާ. އެބޭފުޅުން ވަޑައިގެން ބޭނުންވާ ހުރިހައި ކަމެއް ހިއްސާކުރެއްވި. އަދި މިހާރު ބަރާބަރަށް ސީދާ ގުޅުންވެސް އެބަ ބާއްވަން އެބޭފުޅުންނާ. އެބޭފުޅުންނާ އަޅުގަނޑާ ޑައިރެކްޓްލީ ވާހަކަދެއްކޭނެ މިހާރު. ކޮންމެ ދުވަހަކުހެން އަޅުގަނޑު އެބޭފުޅުން މެސެޖުކުރެއްވިޔަސް އެބަ ޖަވާބުދެން. އަޅުގަނޑަށް ވަރަށް މުހިންމު މަސްވެރިންނާ ގާތުން މަސައްކަތް ކުރެއްވުމަށް.“ ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ ކަންކަން ހައްލުކޮށްދިނުމުގައި، އެއީ އުމްރާނީ ތަރައްގީގޮތުން ކަމުގައިވިޔަސް، އަދި ވަސީލަތް ގާއިމުކުރުމުގެ ގޮތުން ވިޔަސް ސަރުކާރުން އެ މަސައްކަތައް ކުރިޔަށް ގެންދާނެކަމަށެވެ. އެގޮތުން މިހާރުވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާގޮތައް ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއްރަށެއްގައި އެސްޓީއޯގެ ރޭޓްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާުމު ހަމަޖެއްސުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްގެން ކުރިޔަށްގެންދަވާކަމަށް ވިދާޅުވިއެވެ. އަދި، ވައުދުވީގޮތައް މިއަހަރު ނިމޭއިރު އެ މަޝްރޫއު ނިމިގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމުގެ މަޢުލޫމާތު އެމަނިކުފާނު ހާމަކުރެއްވި އެވެ. އާރް.އެސް.ޑަބްލިއު ނިޒާމުތަކަކީ މަސްވެރިކަމުގެ މުސްތަޤުބަލުގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމަށް ބޭނުންވާ އިތުރު ލޯނުތައް ދޫކުރެއްވުމަށް ހަމަޖެހިފައިވާކަންވެސް އެމަނިކުފާނުވަނީ މިއަދުގެ ޕޮޑްކާސްޓްގައި ހާމަކުރައްވާފަ އެވެ.

މިލިޔުމާއި ގުޅޭ