މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން ޕްރޮޖެކްޓް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
މިފްކޯއިން ޕްރޮޖެކްޓް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓްރެންތެނިންގް ޕްރޮޖެކްޓަށެވެ.
މިފްކޯއިން ބުނިގޮތުގައި، މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ އައިއެސްޑީބީގެ ގައިޑްލައިންތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓާ ގުޅުންހުރި ހުރި ހުރިހާ ކަމެއް ބެލެހެއްޓުން ކަމަށާއި، މި މަގާމަށް ކުރިމަތިލެވޭނީ އައިއެސްޑީބީގެ މެންބަރު ގައުމުތަކުން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމުގައިވެސް މިފްކޯއިން ވަނީ ބުނެފައެވެ. އަދި، މިމަގާމަށް ޝައުގުވެރިކަންފާޅު ކުރާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ، 28 އޭޕްރީލް ކަމަށާއި، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8އިން 16އަށް ފޯނުން ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް މިފްކޯއިން ބުންޏެވެ.
މޯލްޑިވްސް ފިޝް ސެކްޓަރ ކެޕޭސިޓީ ސްޓްރެންތެނިންގް ޕްރޮޖެކްޓަކީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ، އޮޕަރޭޝަންސް އަދި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ފުޅާ ދާއިރާއެއްގައި އަޕްގްރޭޑްކުރުކަމަށް ހިންގަމުން އަންނަ 70.42 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެއެވެ. ދިވެހި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެމުންދާއިރު، މި މަޝްރޫޢަކީ އެ ދާއިރާ ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.