ބ. އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްދާކަމަށް، އެ މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ މަަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ބަނދަރުގެ ކީވޯލް ބްލޮކް އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. އެމަސައްކަތުގެ %87 މިހާރު ފުރިހަމަކުރެވިފައިވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ސަރުކާރުގެ ފަރާތުން ބ. އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް 450 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖޫންމަހުގެތެރޭގައެވެ. 64.67 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ ދަށުން 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކޮށް، 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރަން ޖެހެއެވެ. އަދި، 170 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 383 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހަައި، 402 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ އިތުރުން މޫރިންގ ބޯއީސް ހަރުކޮށް، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދަން ޖެއެހެވެ. މީގެ އިތުރުން، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 1814 ސްކުއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއ،ި 402 މީޓަރުގެ ސަރަހައްދެއްގައި ކާރބްސް ހަރުކުރުން މި މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.