މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް(އެމްއެމްއާރްއައި)ގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމަށް މުހައްމަދު ޝިމާލް ހަމަޖައްސަވައިފި އެވެ.
ޝިމާލް އެމަގާމަށް ހަމަޖައްސަވާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ޝާފިޔާ ނައީމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެމްއެމްއާރްއައިގެ އެކި މަގާމުތަކުގައި 10 އަހަރަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޝިމާލް ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހަމަޖެއްސެވިއިރު ހުންނެވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރކަމުގެ މަގާމުގައެވެ. ޝިމާލްއަކީ އެމްއެމްއާރްއައިގެ ރިސާޗް ޕްރޮގްރާމްތައް ކުރިޔަށްގެންދެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ޝިމާލް ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން އެމްއެމްއާރްއައި އިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އެމްއެމްއާރްއައި އަކީ، ކަނޑުގެ ދިރުންތަކާބެހޭ ދިރާސާތައްކުރުމާއި، މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ގުޅޭ މައުލޫމާތު އެއްކޮށް، އެމައުލޫމާތު ސަރުކާރުގެ އިދާރާތަކާއި އާންމުންނާއި ހިއްސާކޮށް، އާންމުން އެކަމަށް ހޭލުންތެރިކުރުވުމާއި، މެރިން ރިސަރޗް ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށް އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.