ރާއްޖެއިން މަސް އެކްސްޕޯޓް ކުރަން، ތިންހާސް މެޓްރިކް ޓަނުގެ މަސްކިރޭވަރުގެ ބޯޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
ޕަބްލިކް ސަރވިސް މީޑީއާ(ޕީއެސްއެމް) އިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ޖެނެރަލް މެނޭޖަރ މުޢާޒް ޢަލީ ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ތިޔާގިވެފައިވާ ދުވަސްވަރެއް ކަމުން، މަސްކިރާ މިންވަރު އިތުރުކުރުމުގެ ގޮތުން ބޭރުގެ މަސްކިރާ ބޯޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މަސްކިރުވަން ގެންނަ މި ބޯޓު މިހާރު ރާއްޖެއަށް ދަތުރު ފަށާފައިވާ ކަމަށާއި، މިމަހުގެ ތެރޭގައި އެ ބޯޓު ކޫއްޑޫއަށް ބަނދަރުކުރާނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ. އަދި މި ބޯޓަށް މަސްކިރަނީ ޔޫރަޕްގެ މާކެޓަކަށް ގެންދިޔުމަށްކަމަށާއި މަސްގަންނަ ކުންފުނިތަކުން މަސް ޓެސްޓު ކުރާނީ ކޫއްޑޫ ބަނދަރުގައިކަމަށް މުއާޒު ވިދާޅުވި އެވެ.
މަސްވެރި މޫސުމާއި ދިމާކޮށް އިތުރު ބޯޓެއް ގަނައުމުގެ މަސައްކަތްވެސް މިފްކޯއިން ދަނީ ކުރަމުންނެެވެ. މި ދެ ބޯޓު ގެންނަނީ މަސްވެރި މޫސުމުގައި މަސްވެރިން ބާނާމަސް އެއްކޮށް ކިރޭވަރަށް ކޫޢްޑޫގެ ކެޕޭސިޓީ ނެތުމުންނެވެ. މި ދެބޯޓު އައުމާއެކު މަސްވެރިން ބާނާ މަސް އުކާލަންޖެހޭ މައްސަލަ ހައްލުވެގެންދާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި މަހުގެ ފެންވަރު ދަށްކަމަށް ބުނެ މަސް ރިޖެކްޓް ކުރާ މައްސަލައަށްވެސް ހައްލެއް އަންނާނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.