މަސްވެރިންގެ ގައުމީ ދަފްތަރު މެދުވެރިކޮށް މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ލޯނު ދޫކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގައި އިއްޔެ ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުން މިނިސްޓްރީއާއި ބީއެމްއެލްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވީ، ބީއެމްއެލްއިން ދޫކުރާ ލޯނާއި އަދި އެހެނިހެން ފައިނޭންސިންގ ޕްރޮޑަކްޓްސްތަކަށް މަސްވެރިންގެ ގައުމީ ދަފްތަރުގައި ހިމެނޭ މަސްވެރިންނަށް ހުށަހެޅޭނެ ގޮތްތަކާ މެދުގަ އެވެ. އަދި ދަފްތަރުގައި ހިމެނޭ މަސްވެރިން ލޯނަށް އެދި ހުށަހެޅުމުން ދަފްތަރު މެދުވެރިކޮށް ”ވެރިފައި“ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ. އެހެންނަމަވެސް، މި ބައްދަލުވުމުގެ ނިންމުންތަކެއް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ބީއެމްއެލް މެދުވެރިކޮށް ލޯނު ދޫކުރެވޭނެ ގޮތްތަކެއް ދެނެގަތުމަށް މީގެ ކުރިންވެސް ސިލްސިލާ ބައްދަލުވުންތަކެއް ފިޝަރީޒް މިނިސްޓްރީން ބީއެމްލްއާއެކު ބާއްވާފައި ވެއެވެ.
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަޤްސަދުގައި މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒުގެ ރިޠާސީ ވައުދުފުޅެކެވެ. މިވައުދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒް ކުރުމުގެ ގޮތުން، ކެޔޮޅު ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024ގައި ތައާރަފްކޮށް އޭގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ތެރެއިން %95 އުޅަނދުފަހަރު ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ވެއެވެ.
މަސްވެރިންގެ ދަފްތަރަކީ ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ މަންސައަކަށް ހެދުމުގެ ގޮތުން ދަފްތަރު ރެގިއުލޭޓްކުރުމުގެ ގަވާއިދެއްވެސް އެކުލަވާލާ މިދިޔަ އަހަރުގެ ޑިސެންބަރުމަހު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަފްތަރާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް އެ އޮންނަ ފުރުސަތުތައް ބޭންކްތަކުން މަސްވެރިންނަށް ނުލިބުމާއި، ވަޒީފާއެއްގެ ގޮތުގައި މަސްވެރިންނަށް ލިބޭ އާމްދަނީ ޑިކްލެއާކޮށްގެން، އޭގެ ފައިދާ ހޯދުމުގެ ފުރުސަތު ފަހިވެފައި ނެތުމާއެކު އެމަނިކުފާނު ބޭނުންފުޅުވީ މަސްވެރިންގެ ދަފްތަރެއް ގާއިމުކޮށް، އެއީ ގާނޫނީ ބާރުވެރިކަން އޮތް ދަފްތަރަކަށް ހަދައި، އޭގަ ރަޖިސްޓްރީވާ މަސްވެރިންނަށް، ބޭންކްތަކުން ލޯނު ހޯދުމާއި، ފެސިލިޓީތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށްކަމަށެވެ. އަދި ދަފްތަރުގެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ބީއެމްއެލް، އެމްއައިބީ އަދިި އެސްޓީއޯއިން އެހެން ވަޒީފާތަކުގެ އުޅޭ މީހުންނަށް އޮންނަ ފުރުސަތުތައް މަސްވެރިންނަށް ލިބިގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. އެންމެ ފަހުން، މިއަހަރު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ މިއަހަރު ނިމުމުގެ ކުރިން ބީއެމްއެލްގެ ލުއި ލޯނަށާއި، އެސްޓީއޯގެ ކްރެޑިޓް ސްކީމަށް މަސްވެރިންނަށް ހުށަހެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ނިޒާމީ ހަރުދަނާކަމުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމެވެ. އެގޮތުން މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމުގެ އިތުރުން މަސްވެރި އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް ރަހުނަކާ ނުލައި ލޯނު ދޫކުރުމުގެ މަސައްކަތާއި، އޮޑިފަަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންނަށް ރެސްކިއު ޑައިވާ ޕްރޮގްރާމް ހިންގުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި، މަސްވެެރިން މިފްކޯއަށް ވިއްކާ މަހަށް 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ އެވެ.