back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އާލާތްތަކެއް ޖަޕާން ސަރުކާރުން ހަދިޔާކޮށްފި

ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފި އެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން އެ އާލާތްތައް އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކުރީ، އިއްޔެ ބަންޑާރަކޮށި އޮޑިޓޯރިއަމްގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި  ރަސްމިއްޔާތެއްގަ އެވެ. އެ އާލާތްތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ތަކެއުޗީ މިދޯރީ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ އާލާތްތަކާ ހަވާލުވެލެއްވީ، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ވަނީ ޖަޕާނު ސަރުކާރަކީ ދިވެހިރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، އެ ޤައުމުން އެމްއެންޑީއެފްއަށް އެހީ ހަދިޔާކޮށްދެއްވާފައިވާތީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި، އޮޕަރޭޝަނަލް އާލާތްތަކާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ފޯރުކޮށްދޭ ޚިދުމަތްތައް، ކުރިއަށް އޮތް ދުވަސްތަކުގައި ދެގުނަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހިއްސާކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖަޕާނު ސަރުކާރުން ހަދިޔާކުރި އާލާތްތަކުގެ އެހީގައި، ކަނޑުމަތީގެ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަވަހަށް އަދި ހަރުދަނާކަމާ އެކު ހަރަކާތްތެރިވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލިއްޔަތުކަން އިތުރުވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޖަޕާނުގެ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހަލާ ޙަމީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މިލިޔުމާއި ގުޅޭ