ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ލިބިއްޖެ. މަސްވެރިންނަށް ރޯދަ އިނާޔަތް ދޭނީ ކާކު؟
ކެޔޮޅާގެ ދިޔެ |
01 މާރޗް 2024

ދިވެހި ރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000ރ ދިނުމަށް އެ ގާނޫނުން ލަޒިމުކޮށްފައި ވެއެވެ. މިއާ އެއްގޮތްވާގޮތުގެ މަތިން މިދިޔަ ބުދަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސުން ސިވިލް ސާވެންޓުންނަށާއި މިނިވަން މުވައްސަސާތަކުގެ މުވައްޒަފުންނަށް ވަނީ އަންނަ ރޯދަ މަހުގެ އިނާޔަތް ދޫކޮށްފަ އެވެ. އެމީހުންނަށް އިނާޔަތް ދޫކޮށްފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ މުސާރައާއި އެކުގައި ކަމަށް ޚަބަރު ލިބެއެވެ.

މައްސަލައެއް ނެތެވެ. ދިވެހި މަސްވެރިންނަކީ ސިވިލް ސާވެންޓުންނެއް ނޫނެވެ. މަސްވެރިން ނިސްބަތްވަނީ ޕްރައިވެޓް ސެކްޓަރ އަށެވެ. ގައިމު ވަޒީފާއާއި ބެހޭ ގާނޫނު ބުނާގޮތުން މަސްވެރިން ރޯދަމަހުގެ އިނާޔަތުން މަހްރޫމެއް ނުވެއެވެ. ވަޒީފާ އާއި ބެހޭ ގާނޫނުގައިވާގޮތުންނަމަ، ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި އެމީކަހަށް ލިބޭ މުސާރައިގެ ތިންބައިކުޅައެއްބައި ރޯދަމަހުގެ އެއްވަނަ ދުވަހުގެ ކުރިން ދޭން ލާޒިމުވެއެވެ. މުސާރައިގެ ތިންބައިކުޅައެއްބައި ދެހާސް ރުފިޔާއަށްވުރެ މަދުވާނަމަ، ދެހާސް ރުފިޔާ އަދި ދިހަހާސް ރުފިޔާއަށްވުރެ ގިނަނަމަ ދިހަހާސް ރުފިޔާ މުވައްޒަފަަށް ރޯދަ މަހުގެ ކުރިން ދޭޏްޖެހެއެވެ.

މިހާރު އުފެދޭ ސުވާލަކީ ރާއްޖޭގެ އެންމެ މައި އެއް ސިނާއަތް އަދި ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ސިނާއަތަށް ނިސްބަތްވާ މަސްވެރިންނަށް ރޯދަ އިނާޔަތް ދޭނީ ކޮންފަރާތަަކުން ބާވައެވެ. މަސްވެރިން މަހަށްދަނީ އޮޑި ވެރިޔާއާއެކު ވަޒީފާގެ އެގްރީމެންޓެއް ހަދައިގެން ނޫނެވެ. އަދި، މަހު މުސާރައަކީވެސް ކުރިޔާލާ ކަށަވަރު ވާއެއްޗެއް ނޫނެވެ. މަސްވެރިންގެ އުޖޫރައަކީ މަސްބޭނޭ ވަރަކުން ފަޅުވެރިންގެ މެދުގައި ބަހާލައިގެން އެ އޮންނަ އުސޫލަކުން ލިބޭ މިންވަރެކެވެ. މިހެން ބުންޏަސް ވަރަށް މަދު މަސްވެރިއަކު ކުންފުނިތަކަށް ނިސްބަތްވެ އެވެ. އުންމީދަކީ އެމީހުން އިނާޔަތްވެރިންގެ ތެރޭގައި ހިމެނުމެވެ.

ރާއްޖޭގެ މަސްވެރިންނަކީ ރޯދަ މަހު އެންމެ ބުރަކޮށް ގަދަ އަވީގައި މަސައްކަތްކޮށް ރައްޔިތުންގެ ކެއުމުގައި ބޭނުންވާ އެންމެ މައި އެއް ބާވަތްކަމަށްވާ މަސް ފޯރުކޮށްދޭ ފަރާތެވެ. މަސްވެރިން ރޯދަމަހުގެ އިނާޔަތުން މަހްރޫމްވުން އެއީ ވަރަށް ބޮޑު ގޯހެކެވެ. އެއްބަޔަކު ބޮޑު މުސާރަ ނަގައިގެން އޭސީގައި ރޯދަމަހު ކުޑަ ވުގުތުކޮޅެއްގައި މަސައްކަތް ކުރާއިރު މަސްވެރިން ބިޔަ ކަނޑުތައް ފަތަހަކޮށް، އެމީހުން ކާން ބޭނުންވާ މަސް ހޯދައިދޭއިރު މަސްވެރިންނަށް ރޯދަ އެލަވަންސް ނުލިބުން މިއީ އެއްގޮތަކަށްވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

”އަހަރުމެން މިއުޅެނީ މަސްކިރުވި ފައިސާވެސް ހަމަޔަށް ނުލިބިގެން. ރޯދަ އެލަވަންސް ތީ އަހަރުންނަށް ލިބޭ އެއްޗެއްކަމެއް ނޭނގޭ. މިހާތަނަށް އަހަންނަށް ލިބިފައެއް ނެތް. މަސްބާނަން އުޅޭތާ ތިރީސް އަހަރު މިވީ.“ މަސްވެރިއަކު ބުންޏެވެ.

އައްޑޫ އަށް ނިސްބަތްވާ ކެޔޮޅަކު ބުނީ އުމުރުން 18 އަހަރުވީއްސުރެ މަސްވެރިކަމުގައި އުޅޭ ކަމަށާއި މިހާރު މަސްވެރިކަމުގައި އުޅޭޭތާ 38 އަހަރު ވީއިރުވެސް ރޯދަ އެލަވަންސް ދުވަހަކުވެސް ނުލިބޭ ކަމަށެވެ.

”ރޯދަ އެލަވަންސް ކީއްކުރަން ސަރުކާރުން ދޭން ބުނާ އެއްވެސް އެލަވަންސެއް އަހަރުމެންނަކަށް ނުލިބޭ. ތިބުނާ ގޮތުން ވެއްޖެއްޔާ އޮޑިވެރިޔާ ދޯ ދޭންޖެހެނީ؟ އޮޑިވެރިޔަކު ތިހެންކީ އަޑެއްވެސް ދުވަހަކުވެސް ނާހަން. އަހަރުމެންނަކީ ވަރަށް ނިކަމެތި ބަޔަކަށް ހަދާފަ އެތިބެނީ. އުންމީދު ކުރަން ކޮންމެވެސް ގޮތެއް ވާނެކަމަށް.“ ކެޔޮޅު ބުންޏެވެ.

ރޯދަ އެލަވަންސް މައްސަލައިގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ މަސްވެރިންގެ ޚިޔާލު ހޯދާލީމެވެ. ވާހަކަދެއްކި ހުރިހާ މަސްވެރިން ބުނީ ރޯދަ އެލަވަންސް ދުވަހަކުވެސް ނުލިބޭކަމަށެވެ. ގާނޫނަކުން މަޖުބޫރުކޮށްފައި އޮތްނަމަވެސް އެކަން އެގޮތަށް ނުދާކަމަށް މަސްވެރިން ބުންޏެވެ.

”އަޑުއެހިތާނގަ މަމިހިރީ. ނުލިބޭ ތިކިޔާ އެލަވަންސެއް. އަހަރުން ބާކީކޮށްފަ ތިބެނީ. އިހަކަށް ދުވަހު އަހަރުން ނުކައި ތިއްބާ ޕީއެންސީ މީހުންނަށް މިފްކޯއިން މަސްދަޅުވެސް ބެހި. ކީއްވާނީ އަހަރުންނަށް ދިނިއްޔާ؟އަހަރުންނަށްވެސް މިފްކޯ ޕްރޮމޯޓް ކުރެވޭނެ. ސިޔާސީ މީހުންވެސް އަހަރުންްގެ ނަން ވިއްކަނީ. އަހަރުމެންގެ ނަން ބޭނުންކުރަނީ. ހޮވުނީމައި އެއްވެސް އަޅައެއް ނުލާ.“ ޒުވާން މަސްވެރިއަކު ބުންޏެވެ.

މަސްވެރިންނަށް ދޭން ހުރި ފައިސާ ނުލިބި ލަސްވާތީ އާއި ރޯދަ އެލަވަންސް ނުލިބޭ މައްސަލައިގައި މަސްވެރިން ތިބީ ވަރަށް މާޔޫސްވެ ކަންބޮޑުވެފަ އެވެ. މަސްވެރިން ބުނީ ކޮންމެެ ބަޔަކު ދޭން ޖެހުނަސް ރޯދަ އިނާޔަތަކީ މަސްވެރިންނަަށް ހައްގުވާ އެއްޗެއްކަމަށެވެ. މަސްވެރިންނަށް އެލިބޭތޯ ކަށަވަރުކޮށް، އެލަވަންސްދޭން ޖެހޭ މީހުން އެލަވަންސް ނުދޭނަމަ ސަރުކާރުންް އެބަޔަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މަސްވެރިންނަށް އެއިނާޔަތް ލިބޭނެ ގޮތެއް ހަދައިދޭން ޖެހޭނެ ކަމަށެވެ.

މަސްވެރިންނަށް ރޯދަ އެލަވަންސްް ދިނުމުގެ ޒިންމާ ކޮންމެވެސް ބަޔަކު އެބަ އުފުލަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!