އައްޑޫ ފިޝަރީޒް ކޮމްޕްލެސް(އޭއެފްސީ) ހުޅުމީދޫ އައިސް ޕްލާންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެތަން ހިންގަމުން އަންނަ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
ހުޅުމީދޫ އައިސް ޕްލާންޓް އޮޕަރޭޝަން ހުއްޓި، މަސްވެރިންނަށް އައިސް ދޫކުރުން ހުއްޓާލާފައިވާ މައްސަލައިގައި މިފްކޯއިން ބުނީ، އާންމުގޮތެއްގައި އެތަނުން އައިސް ގަންނަނީ މަދު އޮޑި ފަހަރުން ކަަމަށެވެ. އެހެންނަމަވެސް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރެވެމުންދާކަމަށް މިފްކޯއިން ބުންޏެވެ.
ހުޅުމީދޫ އައިސްޕްލާންޓުގެ އޮޕަރޭޝަން ހުއްޓިފައިވަނީ، އެ ޕްލާންޓްގެ ޔުނިޓްތަކަށް ދިމާވެގެން އުޅޭ ޓެކްނިކަލް މައްސަލައަކާ ހުރެއެވެ. އެއް ޔުނިޓުގެ ޑްރަމް އަށް މައްސަލަ ދިމާވެފައިވާއިރު، ދެވަނަ ޔުނިޓަށް ދިމާވެފައިވަނީ ގޭސް ލީކުވުމުގެ މައްސަލައެއްކަމަށް މިފްކޯއިން ބުންޏެވެ.
މިިދިޔަ އަހަރު އައްޑޫ ސަރަހައްދަށް މަސްވެރިކަން ދަށްވުމުން ގިނަ އަޮޑި ފަހަރު ހަރަކާތްތެރިވަމުން ދިޔައީ ހުވަދޫ އަދި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގަ އެވެ. އެހެންނަމަވެސް މިހާރު މަސްވެރިކަން ރަނގަޅުވެ، ގިނަ އޮޑި ފަހަރު އައްޑޫ ސަރަހައްދުގައި މަސްވެރިކަން ކުރަން ވަނީ ފަށާފައެވެ. އެހެންކަމުން އޭއެފްސީއަށް މަސްކިރާ އަދަދު ވަނީ ނިސްބަތުން އިތުރުވެފަ އެވެ. އިއްޔެ އެކަނިވެސް އޭއެފްސީއަށް 42.26 މެޓްރިކް ޓަނުގެ މަސް ކިރާފައި ވެއެވެ.