back to top
28.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

80 ބައިވެރިންނާއެކު ސަމްޕާ މެނޭޖްމެންޓް ޕްލޭން ވެލިޑޭޝަން ވޯކްޝޮޕް ބާއްވައިފި

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ނުވަތަ ސައުތު އަރި މެރިން ޕާކް (ސަމްޕާ) މެނޭޖްމަންޓް ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް އަރިއަތޮޅު ދެކުނުބުރީ މާމިގިލީގައި ބާއްވައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އެ މަސައްކަތު ބައްދަލުވުމުގައި ގައިޑުންނާއި، އުޅަނދުފަހަރުގެ ފަޅުވެރިންނާއި، ކެޕްޓަނުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި އަދި ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނިއްޔާ ޖަމްއިއްޔާތައް ހިމެނޭގޮތުން، 80 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެރިވިކަމަށެވެ.

ސަމްޕާ މެނޭޖްމެންޓް ޕްލޭން ވެލިޑޭޝަން ވޯޚްޝޮޕްގެ ބައިވެރިން/ ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

މިނިސްޓްރީން ބުނީ، މި ބައްދަލުވުމަކީ ކުރިއަށް އޮތް ތަނުގައި ސަމްޕާ ސަރަހައްދަށް ތައްޔާރުކުރެވޭ މެނޭޖްމަންޓް ޕްލޭން އިތުރަށް ފުރިހަމަކުރުމާއި، މެނޭޖްމަންޓް ޕްލޭން ޝާއިޢުކުރުމަށްފަހު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ކަނޑައެޅުމުގެ މަގްސަދުގައި ބޭއްވި ބައްދަލުވުމެއްކަމަށެވެ. އަދި މި ބައްދަލުވުމުގައި، ފެހުރިއްސާ މުޢާމަލާތްކުރުމުގެ އުސޫލުތަކާއި، ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކުގެ ވެބްސައިޓް މެދުވެރިކޮށް ބުކިންގ ހެދުމުގެ ޕްރޮސެސްއާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައިވާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓްރީން ވަނީ، ސަމްޕާ ސަރަހައްދު ބެލެހެއްޓުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފަ އެވެ، އަދި ގިނަ ބައިވެރިން ވޯކްޝޮޕްގައި ބައިވެރިވެފައިވާތީ އެކަންވެސް ފާހަގަކޮށް ޝުކުރު އަދާކޮށްފައި ވެއެވެ.

ސައުތުއަރި މެރިންޕާކަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، 5 ޖޫން 2009 ގައި، ޙިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މިސަރަހައްދަކީ ސައުތުއަރި މެރިންޕާކް ސަރަހައްދު‘ ކަމުގައި ހަމަޖައްސައި ޢާންމުކޮށް އަންގާ އިޢުލާން ކޮށްފައިވަނީ 11 ޖުލައި 2019 ގައެވެ. ސައުތުއަރި މެރިންޕާކް ސަރަހައްދު‘ ކަމުގައި ހަމަޖައްސާފައިވަނީ، އަރި އަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު’ގެ ސަރަހައްދެކެވެ. ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަ ކޮށްލެވޭ ސަރަހައްދެކެވެ. މިސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބާއި މަޑިއާއި މިޔަރުގެ ބާވަތްތައްވެސް ހިމެނެއެވެ.

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް 5 މެންބަރުންގެ އެޑްވައިސަރީ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފަ އެވެ. އެޑްވައިޒަރީ ކޮމިޓީ އެކުލަވާލާފައިވަނީ، އެ ސަރަަހައްދުގައި ހިމެނޭ ރިސޯޓްތަކާއި، ގެސްޓް ހައުސް ނުވަތަ ޑައިވް ސެންޓަރތަކާއި،މަދަނީ ޖަމްއިއްޔާތަކާއި، މަސްވެރިކަމުގެ ދާއިރާއާއި، ލިވްއެބޯޑް ދާއިރާގެ މަންދޫބުން ހިމެނޭ ގޮތަށެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތުގެތެރޭގައި، ހިމާޔަތްކޮށްފައިވާ ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން ހިމެނެއެވެ.

މިލިޔުމާއި ގުޅޭ