back to top
28.6 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިކަމުގެ ސިނާއަތު ރަނގަޅަށް ތަރައްގީކުރެވިއްޖެނަމަ ޖީޑީޕީގެ ނިސްބަތުން ބޮޑު އާމްދަނީއެއް އެތެރެ ކުރެވޭނެ: ރައީސް

މަސްވެރިކަމުގެ ސިނާއަތު ރަނގަޅަށް ތަރައްގީ ކުރެވިއްޖެނަމަ، އަމިއްލަ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން ބޮޑު އާމްދަނީއެއް އެތެރެ ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ
މަސްވެރިކަމަކީ އެރަށުގެ ވަރަށް ގިނަ ރައްޔިތުން ޝާމިލުވާ އަދި މިއަތޮޅުގަވެސް ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އެންމެ ބޮޑު އިންޑަސްޓްރީ
ކަމުން ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި މަސްވެރިންގެ އުންމީދުތަކާއި ގުޅޭގޮތަށް ސަރުކާރުން ކަންކަން ފަހިކޮށްދިނުމަށް ކަމަށެވެ.
އެގޮތުން އެމަނިކުފާނު މަސްވެރިންނަށް ވީ އެންމެ މުހިންމު އެއް ވައުދުކަމަށްވާ 48 ގަޑީއިރުގެތެރޭގައި ފައިސާ ދިނުން މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން އެއްވެސް މެދުކެނޑުމެއް ނެތި ހަމަ ބަރާބަރަށް ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެއްވި އެވެ. އަދި، ކުރިޔަށް އޮތް ތާނގަ ދެން ހުރި ކަންކަންވެސް މަސްވެރިންގެ ކަންބޮޑުވުންތަކާއި އަދި މަސްވެރިންގެ ޚިޔާލާއެކު ފުރިހަމަކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

”ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ފަށައިގަންނަން. ބޭރުގެ އެހީތެރިކަން ހޯދައިގެންނާއި، ދައުލަތުގެ ބަޖެޓުގެ ތެރެއިން، މަސްވެރި ސިނާއަތް ފުޅާކޮށް މަސްވެރިންނަށް އެ އިންޑަސްޓްރީގަ ކުރިޔަށް ދިއުމަށް މަގުފަހިކޮށްދިނުމަށް. އަދި އިތުރު ފަރާތްތައްވެސް މި އިންޑަސްޓްރިއަށް ވަނުމަށް ހިތްވަރު ލިބޭނެގޮތަށް އަޅުގަނޑުމެން ބޭނުންވަނީ މި އިންޑަސްޓްރީ ކުރިއަރުވަން.“ ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީ އެކަށީގެންވާ ގޮތެއްގައި ތަރައްގީ ކުރެވިއްޖެނަމަ، ރާއްޖޭގެ ޖީޑީޕީއަށް އޭގެ އެންމެ ރަނގަޅުގޮތުގައި އާމްދަނީ ލިބޭނެ އަދި ރައްޔިތުންނަށް މުއްސަނދިކަން ލިބިގެންދާނެ ސިނާތެއް ކަމުން އެ ވިސްނުމުގައި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ.

”ހަގީގަތުގައި މަސްވެރިކަމުގެ ސިނާއަތަކީ، އަޅުގަނޑުމެންގެ އަތްމަތީގަ އޮތް ސިނާއަތެއް. ބޭރުގަ ދުނިޔޭގެ އެހެން ތަންތާނގަ ހިނގާ އެކިކަހަލަ ނުރައްކާތެރި ކަންކަމަށް ހާދިސާތަކާއި، ސީދާ އެހާ ބޮޑަށް ގުޅިފައި ނެތް އަޅުގަނޑުމެންގެ އަތްމަތީގަ އޮތް، އަޅުގަނޑުމެންނަށް ކުރިއެރުވެން އޮތް މުހިންމު އަޅުގަނޑުމެންގެ ލޭނާރު. ރަނގަޅަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެއްޔާ އެންމެ ބޮޑު އާމްދަނީއެއް ދައުލަތުގެ ޖީޑީޕީގެ ނިސްބަތުން އެތެރެ ކުރެވޭނެ، ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް ހެދެން އޮތީ ވެސް މަސްވެރިކަން. އެހެންވީމައި އެ ވިސްނުމުގަ ސަރުކާރުން މަސްވެރިންނާ އެކީގައި މިދަނީ މަސައްކަތްކުރަމުން. ކުރިޔަށް އޮތް ތާނގައި ކަންތައްތައް އެއަސްވުރެވެސް ރަނގަޅު ކުރާނަން.“

ދެއްވަދޫ އަކީ ރައީސް ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހުގެ މަންޒިލެވެ. ހުވަދު އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވި ރަށްރަށުގައި މަސްވެރިކަމުގެ ވާހަކަ ވަރަށް ގިނައިން ދެއްކެވިއެވެ. އޭގެ ތެރޭގައި މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރައްވަމުންގެންދާ މަސައްކަތްތަކާއި، މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް ކުރިޔަށް ރޭވިފައި ހުރި ކަންކަން ހިއްސާކުރައްވާފައި ވެއެވެ.

މިލިޔުމާއި ގުޅޭ