ގދ. ނަޑެއްލާގައި އާ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއު އިއުލާނު ކުރައްވައި، އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރާނެ ކޮންޓްރެކްޓަރެއް ހޯދަން މި މަހުގެ ތެރޭގައި އިއުލާނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިހާރު ހުވަދަު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނަޑެއްލާއަށް މިއަދު މެންދުރު ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަލަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ނަޑެއްލާގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ފަރުވާތެރިކަމާއެކު ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވަމުން ވިދާޅުވީ، އެ ކަންތަކުގެތެރެއިން މިވަގުތު އެންމެ އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށްގެންދާނީ ބަނދަރުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން، އެ މަޝްރޫއަށް ކޮންޓްރެކްޓަރެއް ހޯދަން އިއުލާނުކޮށް ވީހާވެސް އަވަހަށް މަސައްކަތް ހަވާލުކޮށް، ނަޑެއްލާ ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނެ ދެއްވި އެވެ.
”2008 ވަނަ އަހަރު ހެދި ކުޑަ ބަނދަރެއް މިހާރު ކޮންމެ ގޮތެއްވިޔަސް ރަށުގެ ތަރައްގީއަށް ބަލާއިރު، އެވަނީ އެއްގޮތަކަށްވެސް ބޭނުންކުރެވޭ ވަރުގެ ބަނދަރަކަށް ނޫން.އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިމަހުގެ ތެރޭގައި، މި ޖެނުއަރީ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ތިބޭފުޅުން ބޭނުންވެލައްވާ ކަހަލަ އާ ބަނދަރެއް ހެދުމަށް އަޅުގަނޑު އިއުލާނުކުރާނަން. ކޮންޓްރެކްޓަރެއް ހޯދާ.“ ނަޑެއްލާ ރައްޔިތުންނާ މުޚާޠަބް ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން ނަޑެއްލާ ރައްޔިތުން އެދިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާނީ އެ ރަށުގައި އާ ބަނދަރެއް ހަދައިދިނުމަށް ކަމަށާއި، އެމަޝްރޫއު ކުރިޔަށްގެންދަނީ އެރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދަ އެރުމުގެ މައްސަލައަށްވެސް އެކަށިގެންވާ ހައްލެެއް ގެނެވޭގޮތަށް ކަމަށެވެ. އަދި ވިދާޅުވީ، މިދެ މައްސަލަ ހައްލުކުރެވުމުން އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުލިބި، ހިތްހަމަޖެހުން ލިބުމުގެ އިތުރުން، ރަށުގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ ކަންކަމަށް މަގުފަހިވެގެންދާނެކަމަށެވެ.
ނަޑެއްލާގައި އާ ބަދަނރެއް ތަރައްގީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރުގެ ޖާގައިގެ ދަތިކަމުން އުޅަނދު ފަހަރު ގާތްކުރުމަށާއި، އަރާފޭބުމަށް ދަތިތަކާކުރިމަތިވެފައިވާތީ، އެކަމަށް ހަލެއް ގެނައުމުގެގޮތުން އާބަނދަރެއް އަޅައިދިނުމަށް އެރަށު ކައުންސިލުންނާއި ރައްޔިތުން އެދުމުގެމަތިންނެވެ.