back to top
28.6 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރައީސް ދެއްވީ ގުޅީ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން

ކ. ގުޅިއަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ގުޅީ ރައްޔިތުންނަށް ދެއްވާފައިވަނީ، މިއަދު ގުޅިއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނީ އިތުރު ބަނދަރެއް އަޅައިގެންތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކޮށްގެންތޯ ނިންމާނީ ރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މި މަޝްވަރާގައި ނިންމުންތައް ނިންމަންވާނީ ރަށަށް ފައިދާ ބޮޑުވާނޭ އަދި އިޤްތިޞާދީ ނަފާ ބޮޑުވާނޭ ގޮތަށް އިސްކަންދެއްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ބަނދަރުގެ ނެރުފައިކަށީގެ މައްސަލައިގައި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޙައްލެއް ހޯދެން އޮތްތޯ ބެއްލެވުމަށް ފަންނީ ލަފާއަށް އެދިވަޑައިގެން، އެ ފަދަ ޙައްލެއް އޮތްނަމަ، ޙައްލު ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ. އަދި، ބަނދަރުގެ މައްސަލަ ހައްލުކުރުމަކީ، ގުޅީގެ ތަރައްޤީއަށް ލާޒިމު މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

”ފުރަތަމަ ކަމަކީ ނެރުފައިކަށީގެ މައްސަލައަށް ޙައްލެއް ގެނައުން ކަމުގައިވާނަމަ، މިއަދު ބައްދަލުވުމުގައި ކައުންސިލުން އެ ވާހަކަ ވިދާޅުވީ ވަރަށް މުހިންމު ކަމަށް. އެހެންވީމާ، މި ދަތުރަށްފަހު ދެން ޓެކްނިކަލް ލެވެލްއެއްގައި މިނިސްޓްރީއާއި ކައުންސިލާ މަޝްވަރާ ކުރާނެ. މިހާރު މި ފެށޭ މަޝްރޫޢުގައި، ބޮޑުހިލަ ގެނައުމާ އެކީގައި ދާއިރުގައި އެކަމަށް ރަނގަޅު ޙައްލެއް ގެނެވެން އޮތިއްޔާ އެކަމެއްވެސް ކުރާނަން. އެހެންވީމާ، އެ ތަފްޞީލު މިވަގުތު އަޅުގަނޑަށް ކޮންމެގޮތެއްވިޔަސް ހާމަނުކުރެވުނަސް، ޔަޤީންކަން މިދެނީ، ކައުންސިލާއި މިނިސްޓްރީއާ މަޝްވަރާ ކުރެވިގެން، ނެރުފައިކަށީގެ މައްސަލައަށް އަދި ޖުމްލަކޮށް ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން.“ ރައީސް ވިދާޅުވި އެވެ.

މާލެ އަތޮޅު ގުޅިއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅަކީ، 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅެވެ.

މިލިޔުމާއި ގުޅޭ