ގއ. ދެއްވަދޫ އައިސް ޕްލާންޓަކީ ރައީސް ޔާމީނުގެ ސަރުކާރުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އާ ހަވާލުކޮށްގެން ގާއިމުކުރި އައިސް ޕްލާންޓެކެވެ. 12 ނޮވެންބަރު 2014 ގައި މިފްކޯއާ ހަވާލުކޮށްގެން ގާއިމުކުރި 25 ޓަނުގެ މި އައިސް ޕްލާންޓް ހުޅުވައި ޚިދުމަތް ދޭން ފެށީ އެޕްރީލް 18، 2016 ގަ އެވެ. އޭރު އެތަން ހިންގަމުން އައީ މިފްކޯއިންނެވެ.
އެމްޑީޕީ ސަރުކާރުގައި، ސިޔާސަތުތަަކަށް ގެނައި ބަދަލުތަކާއެކު އެތަން ފެނަކައާ ހަވާލުކުރި އިރުވެސް ބަރާބަރަށް އެތަނުގެ އޮޕަރޭޝަން ދިޔައީ ހިންގަމުންނެވެ. ނަމަވެސް އެސަރުކާރު ނިމިގެންދިޔައިރު އައިސް ޕްލާންޓް މަރާމާތުނުކޮށް އޮޕަރޭޝަން އޮތީ ހުއްޓިފަ އެވެ. އައިސް ޕްލާންޓުން ޚިދުމަތް ނުދޭތީ ދެއްވަދޫ މަސްވެރިންނާއި ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށަހެޅުމުން މިސަރުކާރުންވަނީ އެތަން އަލުން އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަގީންކަންދީފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން އެތަން އޮޕަރޭޓް ނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް، ޚަރަދު ކުޑަކުރަންކަމަށް ބުނެ، އައިސް ޕްލާންޓްތައް އޮޕަރޭޓްކުރުން ހުއްޓާލަން އެކުންފުނިން ނިންމުމާއި ގުޅިގެން ދެއްވަދޫ އައިސް ޕްލާންޓް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީންވަނީ މިފްކޯއާ ހަވާލުކޮށްފަ އެވެ. މިއާއެކު އެތަން އޮޕަރޭޝަނަށް ގެނައުމަށް މުދާ ބަދަލުކުރުމާއި، މުވައްޒަފުން ނެގުމުގެ މަރުހަލާގެ މަސައްކަތް މިފްކޯއިންވަނީ ފަށާފަ އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، އެ އައިސް ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް، ގިނަ މަރާމާތުތަކެއް ކުރަންޖެހޭކަމަށާއި، އެކަމަށް ބޭނުންވާ ބަޖެޓް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަސައްކަތްކުރާނެ ފަރާތެއް ހޯދައި، އެއްބަސްވުމަކަށް އައުމުގެ މަރުހަލާ ކުރިޔަށްދާކަމަށާއި، އެގްރީމެންޓް ކުރެވޭތާ 30 ދުވަހުގެތެރޭގައި މަރާމާތުކޮށް ނިންމާލެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާރު މަސައްކަތް ކުރިޔަށްދާ ގޮތަށް ބަލާނަމަ، އަންނަ މަހު ދެއްވަދޫ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެެ ކަމަށް މިނިސްޓްރީން ބުންޏެެވެ.