back to top
28.3 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ ރިސޯޓް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު!

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް އެޑްވައިސަރީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ދާއިރާތަކުގެ ތެރެއިން ރިސޯޓް ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހުޅުވާލައިފި އެވެ.

މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިމަގާމަށް ކުރިމަތިލާ ފަރާތްތައް ތަމްސީލްކުރާ ވިޔަފާރި އަކީ މިނިސްޓްރީ އޮފް އިކްނޮމިކް ޑިވަލޮޕްމަންޓް ގައި ރަޖިސްޓްރީ ކޮށްފައިވާ އަރިއަތޮޅު ދެކުނުބުރީގައި ހަރަކާތްތެރިވާ ވިޔަފާރިއެއްކަމުގައި ވާންވާނެކަމަށެވެ. އަދި، މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ޖަމިއްޔާ ނުވަތަ ތަމްސީލްކުރާ ވިޔަފާރިއެއްކަމަށާއި، ކުރިމަތިލާ މެންބަރަކީ ތަމްސީލް ކުރާ ދާއިރާގެ އެންމެހާ ފަރާތްތައް ތަމްސީލު ކުރާގޮތަށް، އެފަރާތްތަކާއިއެކު މަޝްވަރާކޮށްގެން ކޮމިޓީއަށް ޚިޔާލު ހުށަހަޅާ ފަރާތެއްކަމަށެވެ.

މިނިސްޓްރީން ބުނީ، މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ޖަމިއްޔާ ނުވަތަ ތަމްސީލްކުރާ ވިޔަފާރިއެއްކަމަށެވެ. އަދި، ހޮވޭ މެންބަރު ކޮމިޓީއިން ވަކިވެއްޖެނަމަ ނުވަތަ އެ މެންބަރު ތަމްސީލުކުރާ ޖަމިއްޔާއިން ނުވަތަ ވިޔަފާރިން ވަކިވެއްޖެނަމަ، އެ ދާއިރާއިން އެހެން މެންބަރެއް ހޮވުމަށް އަލުން އިއުލާންކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މެންބަރެއްގެ ގޮތުގައި ކުރިމަތިލެވޭނީ ދިވެހިންނަށް އެކަންޏެވެ.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  07 ޖަނަވަރީ  2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. އެކަކަށް ވުރެ ގިނަ ފަރާތުން މެންބަރުކަމަށް ކުރިމަތިލައިފިނަމަ، މެންބަރު ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ސައުތުއަރި މެރިންޕާކަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، 5 ޖޫން 2009 ގައި، ޙިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މިސަރަހައްދަކީ ސައުތުއަރި މެރިންޕާކް ސަރަހައްދު‘ ކަމުގައި ހަމަޖައްސައި ޢާންމުކޮށް އަންގާ އިޢުލާން ކޮށްފައިވަނީ 11 ޖުލައި 2019 ގައެވެ. ސައުތުއަރި މެރިންޕާކް ސަރަހައްދު‘ ކަމުގައި ހަމަޖައްސާފައިވަނީ، އަރި އަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު’ގެ ސަރަހައްދެކެވެ. ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަ ކޮށްލެވޭ ސަރަހައްދެކެވެ. މިސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބާއި މަޑިއާއި މިޔަރުގެ ބާވަތްތައްވެސް ހިމެނެއެވެ.

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބަލަހައްޓާ އެޑްވައިޒަރީ ކޮމިޓީ އެކުލެވިގެންވަނީ 5 ދާއިރާއެއްގެ މައްޗަށެވެ.

އެޑްވައިޒަރީ ކޮމިޓީގެ މެންބަރުން:

  • ރިސޯޓްތަކުގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)
  • ގެސްޓް ހައުސް ނުވަތަ ޑައިވް ސެންޓަރތަކުގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)
  • މި ސަރަހައްދުގައި ހަރަކާތްތެރިވާ އެން.ޖީ.އޯ އަކުން ފަރާތެއް -1 (އެކެއް)
  • މަސްވެރިކަމުގެ ދާއިރާގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)
  • ލިވްއެބޯޑް ދާއިރާގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)

ކޮމިޓީގެ މަސްއޫލިއްޔަތުގެތެރޭގައި، ހިމާޔަތްކޮށްފައިވާ ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން ހިމެނޭކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މިލިޔުމާއި ގުޅޭ