ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން އެ ދެ ސިޓީއަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 07:00 އާ ހަމަޔަށެވެ. ސަމާލު ނެރެފައިވާ ވަގުތުގައި އެ ދެ ސިޓީއަށް ވެސް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމަޔަށް 04:15 އިގަ ހުދު ސަމާލުވެސް ނެރެފަ އެވެ. މިރޭ 10:00 އާ ހަމަޔަށް އެ އަތޮޅުތަކަށް ނެރެފައިވާ ސަމަލުގައި ބުނެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން މީގެކުރިންވެސް ބުނެފައިވަނީ ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހައި ހިސާބުތަކަށްވެސް މޫސުން ގޯސްވާނެކަމަށެވެ. އަދި މޫސުން އަލިވާނެކަމަށް ލަފާކޮށްފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހުރިހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މި ދުވަސްވަރު މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.