މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފި އެވެ.
މިރޭ 09:00 ގައިގައި މެޓް އޮފީހުން 2 ހުދު ސަމާލެއް ނެރެފައި ވެއެވެ. އެގޮތުން، ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ސަމާލު ނެރެފައިވަނީ ދަންވަރު 03:00އާ ހަމަޔަށެވެ. ސަމާލު ނެރެފައިވާ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
ށ، ނ އަދި ރ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، މިރޭ 09:00 އިން ދަންވަރު 02:00 އާ ހަމަޔަށެވެ. އެ އަތޮޅުތަކަށް ސަމާލު ނެރެފައިވާ ވަގުތުތަކުގައި، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައިވާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށްފައި ވެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކަކުން، ވަަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.