މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުން ކުރިޔަށް ލަފާކޮށް، އެ އިދާރާއިން ބުނެފައިވަނީ، މިއަދު އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، އެހެން ހިސާބުގެ ކަނޑުތައް ގަދަވާނެކަމަށެވެ. އަދި، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި މި ދުވަސްވަރު ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ އުތުރުގެ އަތޮޅުތަކަށް 3-5 ފޫޓް އަދި ދެކުނާއި މެދު ރާއްޖެތެރޭގައި 4-7 ފޫޓް އުސްމިނުގައެވެ.
މެޓް އޮފީހުން ބުނީ، ދެކުނު ރަށްތަކަށް މިއަދު ކެރީގެ އަސަރު ފޯރުން އެކަށީގެންވާކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ދެކުނާއި ހުޅަނގުދެކުނުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި، އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
މެޓް އޮފީހުން ބުނީ މާދަމައިން ފެށިގެން ކުރިއަށް އޮތް 4 ދުވަހު މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެއީ، މި ދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮތުމުންކަމަށެވެ. އަދި، މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ހޯމަދުވަހުން ފެށިގެން ކަަމަށް ބުނެފައި ވެއެވެ.
މޫސުން ގޯސްވަމުން އަންނާތީ މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އެނެމްހައި ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.