ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފި އެވެ.
އިއްޔެ ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ޖަޕާނު ސަރުކާރުގެ ފަރާތުން އެ އާލާތްތައް އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ތަކެއުޗީ މިދޯރީއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ އާލާތްތަކާ ހަވާލުވެލެއްވީ، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ވަނީ ޖަޕާނު ސަރުކާރަކީ ދިވެހިރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި، އެ ޤައުމުން އެމްއެންޑީއެފްއަށް އެހީ ހަދިޔާކޮށްދެއްވާފައިވާތީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި، އޮޕަރޭޝަނަލް އާލާތްތަކާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ފޯރުކޮށްދޭ ޚިދުމަތްތައް، ކުރިއަށް އޮތް ދުވަސްތަކުގައި ދެގުނަ ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވި އެވެ. އަދި، ހަދިޔާކުރި އާލާތްތަކުގެ ސަބަބުން، އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުމަތީގެ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަވަހަށް އަދި ހަރުދަނާކަމާ އެކު ހަރަކާތްތެރިވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލިއްޔަތުކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޖަޕާނުގެ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ސެކްރެޓަރީ، ބައިލެޓަރަލް، އަލްފާޟިލާ ޑރ. ހަލާ ޙަމީދު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.