back to top
28.5 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މާދަމައިން ފެށިގެން ރާއްޖޭގެ ހަތަރު ސަރަހައްދަކުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ދޫކުރަން ސަރުކާރުން ނިންމައިފި

މާދަމާއިން ފެށިގެން ރާއްޖޭގެ ހަތަރު ސަރަހައްދަކުން އެސްޓީއޯގެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ނިންމާފައިވާ ކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިކަން އިއުލާނުކުރައްވާފައިވަނީ، އަރި އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށް ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު، ކ.ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގެވެސް އެއް ރަށުގައި އެސްޓީއޯ ރޭޓުގައި، ތެޔޮލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވައުދެއްކަމުން އެކަން އެގޮތަށް އިންތިޒާމު ކުރުމުގެ މަސައްކަތް މިިދިޔަ ނޮވެންބަރުމަހުގެ ކުރީކޮޅު ފަށްޓަވާފައިވާފައިވާކަމަށެވެ.

”މިއަންނަ އަހަރުތެރެއަށް ބަހާލެވިގެން، ކޮންމެ މަހަކުވެސް ކޮންމެވެސް އަތޮޅެއްގައި އެސްޓީއޯގެ ރޭޓްގައި ސްޓޭޝަން ހެދި އެތަނުން ޚިދުމަތް ދޭން ފެށޭނެ.އެހެންވީމަ އެގޮތަށް ގޮސް 2025 ނިމޭއިރުގައި މުޅި ރާއްޖޭގައި ހަމަ ވައުދުވީގޮތަށް ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ.“ ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހައި ސަރަހައްދަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެންދެން މިވަގުތަށް މަސްވެރިންނަށް ތެޔޮ ލިބޭނެ ލުއި ފަސޭހަގޮތްތައް ހަމަޖައްސަވާފައިވާކަމަށެވެ. އެގޮތުން މާދައިން ފެށިގެން ކ. ހިންމަފުށި، ގއ.ކޫއްޑޫ، ޅ.ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫގެ އެފްއެސްއެމްގެ ސައިޓުތަކުން މާދަމާއިން ފެށިގެން މަސްވެރިންނަށް އެސްޓީއޯގެ ރޭޓުގައި ޑީސަލް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިފްކޯގެ ކޫއްޑޫ އަދި ފެލިވަރުން އޮޕަރޭޓްކުރަމުންދާ ބޯޓުތަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސުމުގެ މަސައްކަތާއި މިވަގުތަށް އެންމެ މުހިންމުވާނެހެން ހީވާ ސަރަހައްދުތަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

”އެކި ސަރަހައްދުތަކުގައި ކަނޑައެޅިފައިވާ ޕްލޭންގެ ތެރެއަށްވެސް ބައެއް ބަދަލުތައް ގެނެސް، ސްޓްރެޖިކަލީ އިސްކަންދޭންވާ ތަންތަނަށް ވިސްނައިގެން، މިސާލަކަށް ހުވަދު އަތޮޅުން މާލެއަށް ދަތުރުކުރުމުގައި މެދުތެރެއިން މ އަތޮޅާ ހިސާބުން އަދި އުތުރުގަވެސް އެގޮތަށް ބަލައިގެން ޑިސްޓެންސް ދެބައިކުޅަ އެއްބައި ހިސާބުން، ގާތްގަނޑަކަށް ތެޔޮ ލިބޭނެގޮތް އެސްޓީއޯ ރޭޓްގައި ތެޔޮ ލިބުން އަވަސްކުރަން. އެހެންވީމައި މިކަހަލަ މަސައްކަތްތަކެއްވެސް ކުރަން އެބަ.“ ރައީސް ވިދާޅުވި އެވެ.

ދާދި ފަހުން ކެޔޮޅުންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވާނީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިންގެ އެދޭގޮތަށް ކަންތައްތައް ކުރެއްވޭތޯ ކަމަށެވެ.

އަސާސީ ޚިދުމަތެއްގެ ގޮތުގައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އަދި ރިޔާސީ ވައުދެއްވެސް މެއެވެ. އެގޮތުން މިއަދު މިއިއުލާން ކުރެވުނު ހަތަރު ސަރަހައްދަކީ، އެވައުދު ފުއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ރާއްޖޭގެ ހުރިހައި ސަރަހަދަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭގޮތަށް ފިއުލް ސްޓޯރޭޖްތައް ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާޙްކޮށްފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެސްޓީއޯއިން ފަށާފައިވާއިރު، އެކުންފުނީގެ އަމާޒަކީ، 2026 ގެ ފެބްރުއަރީގެ ކުރިން 19 ރަށެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެސްޓީއޯއިން މިވަގުތު ފަހި ހަކަތައިގެ ތެރެއިން ނުވަތަ ފަހި ހަކަތައާއެކު ޑީސަލް ލީޓަރެއް ވިއްކަމުން ދަނީ 13 ރުފިޔާ 29 ލާރީގެ ރޭޓުންނެވެ.

މިލިޔުމާއި ގުޅޭ