މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭހެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ހއ ފިއްލަދޫ ކައުންސިލުން ބުނެފި އެވެ.
”ފިއްލަދޫ ކައުންސިލް މަސްރޭސް 2024“ ގެ ނަމުގައި ބާއްވަން ނިންމި މި މަސްރޭސް އޮންނާނީ 13 ޑިސެންބަރި 2023 ވާ ހުކުރު ދުވަހުކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މިއީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފިއްލަދޫ ކައުންސިލް އިދާރާގެ ފަރާތުން ވާދަވެރި ރޫހެއްގައި މަސްވެރިކަންކުރުމުގެ ފުރުސަތު ހޯދައިދިނުމާއެކު، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި ބާއްވަން ނިންމި މަސް ރޭހެއްކަމަށް ކައުންސިލުން ބުންޏެވެ.
ފިއްލަދޫ ކައުންސިލުން އިއްޔެ ވަނީ މި މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މަދުވެގެން 4 މީހުން އަދި ގިނަވެގެން 10 މީހުން ހިމެނޭގޮތަށް ޓީމް ހަދައިގެން މި ރޭހުގައި ބައިވެރިވުވުމުގެ ފުުރުސަތު އޮތް އިރު، 18 އަހަރު ނުފުރޭ ކުދިން ރޭހުގައި ބައިވެރިވާން ޝައުގުވެރިވާނަމަ، އެކުއްޖެއްގެ ޝަރުއީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ފޯމު ހުށަހެޅުމުން ޓީމްގައި ބައިވެރިވެވެއެވެ. 13 އަހަރުން ދަށުގެ ކުދިންނަށް ޓީމްގައި ބައިވެރި ނުކުރެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މަސް ރޭސް ބާއްވަނީ ވަނަ ވަނައަށްދާ ޓީމްތަކަށް ފައިސާގެ އިނާމު ދޭ ގޮތަށެވެ. ޓީމްތަކަށް ވަނަ ދެނީ ބާނާ މަހުގެ ބަރުދަނަށް ބަލައި ޕޮއިންޓް ދޭ އުސޫލުން ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް:
- އެއްވަނަ ޓީމް – 5000 ރުފިޔާ
- ދެވަނަ ޓީމް – 3000 ރުފިޔާ
- ތިންވަނަ ޓީމް – 1500 ރުފިޔާ
- އެންމެ ބަރުމަސް ބާނާ ކެޔޮޅު – 500 ރުފިޔާ
މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު 09 ޑިސެންބަރު 2024 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. މަސް ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލް ކުރަން ޖެހެނީ [email protected] އަށެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10ވަނަ ދުވަސް ފާހަގަކުރަމުން އައިސްފައިވަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން މިއަހަރު ފާހަގަކުރަނީ 44ވަނަ މަސްވެރިންގެ ދުވަހެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ގިނަކަ އުންސިލްތަކަކުން މަސް ރޭސް ބާއްވާކަން މިހާރުވަނީ އިއުލާނުކޮށްފަ އެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މާލޭގައިވެސް ފަރުމަސް ރޭހެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.