ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ރޭ އަތުލައިގަތީ ސްރީލަންކާ ބޯޓެއް ކަމަށާއި، އެބޯޓުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މިކަމާގުޅޭ ތަފުސީލު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، ރޭ ދަންވަރު 12:45 ހާއިރު ހދ މަކުނުދޫގެ ބޭރުން ސްރީލަންކާގެ މަސްބޯޓެއްކަމަށް ބެލެވޭ ބޯޓެއް، ހުއްޓުވާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ސިޓީގެ ބަނދަރަށް ގެންދިޔަކަމުގެ މައުލޫމާތު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން މައުލޫމާތު ފުލުހުންނާ ހިއްސާކުރިކަމަށެވެ. އަދި، އަތުލައިގަތް ބޯޓަކީ ”ޢަޝެންކުތަ“ ނަމަކަށް ކިޔާ މަސްވެރި އުޅަނދެއްކަމަށާއި، އޭގައި ސްރީލަންކާ އަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބިކަމަށް ސީޕީ ވިދާޅުވި އެވެ.
އަދި މިއަދު ހެނދުނު 09:30 ގައި، ކޯސްޓްގާޑުގެ ސިފައިންނާއެކު، ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ފުލުހުން އެ އުޅަނދު ބަލާ ފާސްކުރިއިރު، ޖުމްލަ 468.6ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށާއި، އެ ފެނުނު ތަކެތީގެ ޕްރެލިމިނަރީ ޓެސްޓްތަކުގެ ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެތެރޭގައި ހިމެނެނީ، 344ކިލޯގެ މެތު، 124.6 ކިލޯގެ ކޮކެއިން ކަމަށް ސީޕީ ވިދާޅުވި އެވެ. މިތަކެތީގެ މަގުމަތީ އަގަކީ އެއްބިލިއަން ރުފިޔާކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓާއި ކުޅުއްދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.
މި އޮޕަރޭޝަނަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަމާގުޅޭ އޭޖެންސީތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއްގެގޮތުގައި ފުލުހުން ފާހަގަކޮށްފައި ވެއެވެ. އަދި، މިއޮަޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑުން އަދާކުރި ދައުރު ފާހަގަކޮށް ޝުކުރު އަދާކޮށްފައި ވެއެވެ.