މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސް ރޭހެއް ބޭއްވުމަށް ގދ. މަޑަވެލި ކައުންސިލުން ނިންމައިފިއެވެ.
މަޑަވެލީގެ ރައްޔިތުންނަށް އަމާޒްކޮށްގެން އިންތިޒާމުކުރާ ”މަޑަވެލި ކައުންސިލް އުހުންތަކުރާ މަސްރޭސް 2024“ ބާއްވަން ހަމަޖެހިފައިވަނީ ޑިސެމްބަރ 6 ވާ ހުކުރު ދުވަހުކަމަށް މަޑަވެލި ކައުންސިލުން ބުނެފައި ވެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށާއި، މަސްވެރިންގެ އަގު ވަޒަންކުރުމަށާއި، މަސްވެރިކަމުގެ ރޫހު އާލާކޮށް ދިރުވުމަށާއި، އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުމަށާއި، މަސްވެރިންގެ މެދުގައި ގުޅުންބަދަހި ކުރުމަށާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އިތުރުކޮށް އާލާކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ބާއްވާ މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ކައުންސިލުން ވަނީ ހުޅުވާލާފައެވެ. މަޑަވެލީ މަސްވެރިންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، މުއައްސަސަތަކަށް މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޓީމްގައި ބައިވެރިވެވޭނީ 18 އަހަރުންމަތީގެ ރައްޔިތުންނަށްކަމުގައިވީ ނަމަވެސް ބެލެނިވެރިޔާ ޒިންމާ ނަގަން އެއްބަސްވާނަމަ، 18 އަހަރުން ދަށުގެ ކުދިންވެސް ޓީމްގައި ހިމެނިދާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ޓީމެއްގައި ހިމެނެނީ މަދުވެގެން 3 މެންބަރުން އަދި ގިނަވެެން ތިން މެންބަރުން ހިމެނިދާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މަސްރޭހުަގައި ވަނަތަކެއް ހޮވުމަށް ނިންމާފައިވާއިރު، ވަނަ ވަނައަށް ހޮވޭ ޓީމްތަކާއި އެންމެ ބަރުމަސް ބާނާ ޓީމަކަށް ފައިސާގެ އިނާމެއް ދިނުމަށްވެސް ކައުންސިލުން ނިންމާފައި ވެއެވެ.
މަސްރޭހުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް:
- 1 ވަނައަށް ހޮވޭ ޓީމަކަށް -/5000ރ
- 2 ވަނައަށް ހޮވޭ ޓީމަކަށް -/2500ރ
- 3 ވަނައަށް ހޮވޭ ޓީމަކަށް -/1000ރ
- އެންމެ ބަރުމަސް ބޭނި ޓީމަކަށް -/500ރ
މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ޑިސެމްބަރ 02 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. އަދި، ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލް ކުރާނީ info@madaveli.gov.mv އަށެވެ.