ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ގެ ސީއީއޯއަކު ނެތި ހިންގާތާ 6 މަސް ވެއްޖެ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހްމަދު ސަމާހު ރަޝީދު އެ މަގާމުންނާއި ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ވަކިކުރި ފަހުން މިއަދަށް 6 މަސް ވެފައިވާއިރު އެކުންފުންޏަށް ސީއީއޯއަކު އައްޔަންކޮށްފައެއް ނުވެއެވެ. ސީއީއޯއަކު އައްޔަން ނުކުރެވިގެން އުޅެނީ ކީއްވެ ކަމެއް ސަރުކާރުންވެސް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް(ޕީސީބީ)އިން ވެސް ހާމަކޮށްފަ އެއް ނުވެއެވެ.
ސީއޯއަކުނެތި މިފްކޯ ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރު، އެކުންފުނި މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަކީ، އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފްގެ ބެލުމުގެ ދަށުންނެވެ.
މިފްކޯއަށް ސީއީއޯއެއް ހޯދަން ދެ ފަހަރެއްގެ މަތިން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް(ޕީސީބީ) އިން އިއުލާނުކޮށްފައި ވެއެވެ. އެންމެ ފުރަތަމަ 26 ޖޫން 20204 ގައި ކުރި އިއުލާނު ޖުލައި 16ވަނަ ދުވަހު ބާތިލުކޮށްފައިވަނީ، ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާކަމަށް ބުނެއެވެ. އޭގެފަހުން މިދިޔަ ސެޕްޓެމްބަރުމަހުގެ 29 ވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު 8 އޮކްޓޯބަރ 2024 ގެ 1400އަށް ހަމަވެފައިވާއިރު، އެ އިއުލާނާގުޅޭގޮތުން ޕީސީބީން އަދި އާންމުކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން، ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯ ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލު ކުރެއްވި އެވެ. އަދި މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކަމަށް ބުނެ މި ސަރުކާރުން ގިނަ ފިޔަވަޅުތައް އަޅަމުންދާ ވާހަކަ މިފްކޯގެ ވެރިންނާއި ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދަވައެވެ. އެހެންނަމަވެސް މިފްކޯ އެބަޔަކަށް އެންމެ ބަރޯސާވާ މަސްވެރިންނަށް އެކުންފުނިން ދޭ ޚިދުމަތް ވަނީ ކުރިޔަށްވުރެ ބޮޑުތަކުން ފެންވަރު ދަށްވެފަ އެވެ. އެގޮތުން ބަލާއިރު، ކުރިން ކޮންޓްރޯލެއް ނެތި މަސްވެރިން ކިރާ މަހުގެ އަގުން ފައިސާ އުނިކުރާގޮތަށް އެކުންފުނިން މަސް އޮޑިފަަހަރަށް ދޫކުރަމުން އައި ޑީސަލްގެ މިންވަރު ވަނީ ދަށްކޮށްފަ އެވެ. މިހާރު އޮޑިއަކަށް ދޫކުރަމުންދަނީ 1000 ލީޓަރުގެ މަގުންނެވެ. އޮޑިފަހަރުން ދަރަންޏަށް ނަގަމުންދާ މަހަށް ފައިސާ ދޫކުރުންވެސް ބޮޑުތަނުން ލަސްވެއްޖެއެވެ. މި ސަބަބާހުރެ އޮޑިފަހަރަށް މަހަށް ފުރަން ދަތިވެ، މިފްކޯއަށް މަސްކިރާ މިންވަރުވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.