މަސްވެރި އާއިލާއަކީީ ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއަކަށްވުމާއެކު، ވެރިކަމަށް އަންނަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް ނުވަތަ ޕާޓީއަކަށްވެސް މަސްވެރިންގެ ވޯޓް ވަރަށް މުހިންމު އެއްޗަކަށް އޮންނަނީ ވެފަ އެވެ. މިހެންވެ ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަން މަސްވެރިން ރުއްސަން ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. މިއީ އާދައެކެވެ. މަސްވެރިން ނުވަތަ މަސްވެރި އާއިލާތައް މުށުތެރެއަށްލުމުގެ ބޭނުމުގައި މޮޅެތި ވައުދުތައްވެ ސްޓެރެޓެޖީތައް އާންމުކޮށް، އެ ވިއްކަން މަސްވެރިން ފައިބުޑަށް ވެއްޓި އާދޭސް ކުރެއެވެ. ސަރުކާރު އައުމުން މަސްވެރިންގެ ހުރިހައި ތަކުލީފެއް ނިމުމަކަށް ގެންނާނެކަމުގެ ”ފެހި ސިގްނަލް“ ދީ މަސްވެރިން ދަލުގަ ޖައްސައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިން ދަލުގައި ޖެއްސީ، މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ގިނަ ވައުދުތައްވެ، އެ ވައުދުތައް ފުއްދަވާނެކަމުގެ ގެރެންޓީ ދެއްވަމުންނެވެ. މަސްވެރިން ޑރ. މުއިއްޒުގެ ފަޅިއަށް އެރި އެންމެ ބޮޑު އެއް ސަބަބަކީ، މަސްކިރާތާ މަދުވެގެން 48 ގަޑީއިރުގެ ތެރޭގައި މަހަށްވާ ފައިސާ ޑޮލަރުން ދެއްވާނެކަމަށް ވައުދުވެވަޑައިގަތުމާއި، މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމުންނެވެ. އެހެންނަމަވެސް ވެރިކަމަށް 1 އަހަރުވީއިރުވެސް އެ ވައުދުތަކެއް ފުރިހަމަ ނުކުރެއްވުނެވެ. މި ސަރުކާރުން ފައިސާ ނުދީިގެން މިއަހަރުގެތެރޭގައިވެސް މަޖްބޫރީ ހާލަތުގައި މަސްވެރިންނަށް ތިން މުޒާހަރާއެއް ކުރަން ޖެހުނެވެ.
މަސްވެރިން ވިއްކި މަހަށް ފައިސާ ނުދީގެން ނުރުހުން ފާޅުކޮށް އަޑު އުފުލާއިރަށް މިސަރުކާރުން ބަހަނާއެއްގެ ގޮތުގައި ނުވަތަ ހުއްޖަތެއްގެ ގޮތުގައި ދައްކަނީ ކުރީގެ އެމްޑީޕީ ސަރުކާރުން ވާރުތަވި 250 މިލިއަން ރުފިޔާއެއްގެ ވާހަކައެވެ. އެ 250 މިލިއަނަކާ ހެދީ ސަރުކާރަށް ހިންދެމި ނުލެވިގެން މަސްވެރިންނަށް ބަރާބަރަށް ފައިސާ ނުދެވިގެން ރައީސް މުއިއްޒަށާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމަށް ބޮޑު ތަކުލީފެއް އުފުލަން ޖެހި ވަޑައިގެންފައިވާ ވާހަކައެވެ. ވެރިކަމަށް އެއް އަހަރު ފުރިގެން ބޭއްވި ޖަލްސާގައިވެސް ވާރުތަވި 250 މިލިއަން ރުފިޔާއެއްގެ ވާހަކަ ވިދާޅު ބޮޑެތި ސްލައިޑް އަޅުވައިގެން ރައީސް ޑރ. މުއިއްޒު ދެއްކެވި އެވެ. ފިޝަރީޒް މިނިސްޓަރު ޝިޔާމްވެސް ސަރުކާރަށް އަހަރެއްވީދުވަހު ”ޢަސްލު ޓީވީ“ ޕްރޮގްރާމެއްގައި ދެއްކެވީ 250 މިލިއަނުގެ ވާހަކައެވެ. ސަރުކާރަށް 1 އަހަރުވީ އިރުވެސް މި 250 މިލިއަން ހުއްޖަތެއްގެ ގޮތުގައި އަދި ބަހަނާއެއްގެ ގޮތުގައި ދައްކާތީ މިއީ ކިހިނެއްވީ 250 މިލިއަނެއްތޯ މި ނޫހުން ބަލާލީމެވެ.
މިކިޔާ 250 މިލިއަން ރުފިޔާގެ ތަފުސީލެއް މިފްކޯއިންވެސް ސަރުކާރަކުންވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މިފްކޯއިން މީޑިއާތަކާ މިހާތަނަށް ހިއްސާކޮށްފައިވާ ރަސްމީ މައުލޫމާތުތަކަށް ބަލާއިރު، އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު ފައިސާ ދޫނުކޮށް އޮތީ 16 އޮކްޓޯބަރުން 16 ނޮވެންބަރުމަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހަށްވާ ފައިސާއެވެ. އެހެންކަމުން މި 1 މަހުގެ ”ބެކްލޮގް“ އަށް އަރަނީ ސީދާ ކިހާވަރެއް ކަމެއް ސާފެއް ނުވެއެވެ.
މިފްކޯގެ ތަފާސް ހިސާބުތަކުން އިނގޭގޮތުގައި އޮކްޓޯބަރު 16 އިން ނޮވެންބަރު މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއިން ގަނެފައިވަނީ 7131 މެޓްރިކް ޓަނުގެ (149 މިލިއަން ރުފިޔާ)މަހެވެ. އަދި، 11 ނޮވެމްބަރުން، 30 ނޮވެމްބަރުގެ ނިޔަލަށް މިފްކޯއިން ގަނެފައިވަނީ 4951 މެޓްރިކް ޓަނުގެ(100 މިލިއަން ރުފިޔާ) ގެ މަހެވެ. އޮކްޓޯބަރު 16 އިން ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހާ ހަމަޔަށް މިފްކޯއިން ޖުމްލަ 12،082 މެޓްރިކް ޓަނުގެ މަސް ގަނެފައިވާއިރު، މިމަހަށް މިފްކޯއިން ދައްކާފައިވަނީ ޖުމްލަ 249،837،423(ދުއިސައް ސާޅިސް ނުވަ މިލިއަން، އަށްލައްކަ ތިރީސް ހަތްހަސް ހަތަރުސަތޭކަ ތޭވީސް) ރުފިޔާއެވެ. މަހުގެ އަގުކަމުގައި ބުނެފައި އެވަނީ މިފްކޯއިން މަސްވެރިން ދަރަންޏަށްނެގި ތެލާއި އައިހަށް ކެނޑުމަށްފަހުގަ މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދެވެ.
މިސަރުކާރުގެ ވެރިން ޕޯޑިއަމްތަކަށް އަރާ އަޑަށް ބާރު ލައްވާފަ 250 މިލިއަނޭ ކިޔަމުން ދަނީ މި ސަރުކާރުން ދޭންޖެހޭ ފައިސާވެސް ލައިގެންނެވެ. ނޮވެންބަރު 11-30 ވަނަ ދުވަހުގެ ނިޔަލަށް ކިރުވި 4951 މެޓްރިކް ޓަނުގެ މަހުގެ ތެރެއިން ނޮވެންބަރު 17-30އަށް ކިރި މަހަށްވާ ފައިސާއަކީ ކިހާވަރެއް ކަމެއް ވިދާޅުވާކަށް ނުކެރެއެވެ. އެހެންކަމުން، ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ފައިސާދޭންޖެހޭ ކޮންމެ ފަހަރަކު ”ކުރީ ސަރުކާރުން ވާރުތަވި 250 މިލިއަން“ އޭ ވިދާޅުވެ މި ސަރުކާރުގެ ވެރިން ހައްދަވަނީ އިތުރުފުޅެވެ.
ދެން އުފެދޭ ސުވާލަކީ އެމްޑީޕީ ސަރުކާރުން،1 މަސް ދުވަހު ގަތް މަސް މި ސަރުކާރާ ހަވާލު ނުކުރަނީ ބާއެވެ. އެންމެ ފަހުން ރައީސް އޮފީހުގައި ފިޝަރީޒް މިނިސްޓަރު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިޔަކު މިކަމާ ގުޅޭގޮތުން ސުވާލު އުފެއްދުމުން ވިދާޅުވީ، މިފްކޯގައި 250 މިލިއަން ރުފިޔާގެ މަސް ރައްކާ ކުރެވޭ ސްޓޯރޭޖެއް ނެތްކަމަށާއި، އެމްޑީޕީ ސަރުކާރުން އެހާ ގިނަ މަސް ހަވާލުކުރިއޭ ބުނުން، އެއީ ބުއްދި ގަބޫލު ނުކުރެވޭ ވާހަކައެއް ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް، މިސަރުކާރު ހަވާލުވީއިރު، މިފްކޯގެ ފެސިލިޓީތަކުގައްޔާއި، މިފްކޯގެ އުޅަނދުތަކުގައްޔާއި، ކުއްޔަށް ގެނައި ކެރިއަރުތަކާއި، މަސް ހިފައިގެން ބެންކޮކަށް އޭރު ގޮއްސައޮތް ކެރިއަރުގައި އެ މަސް ރައްކާކޮށްފައި ހުއްޓެވެ. މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދެއްކީ އެ މަސް އެކްސްޕޯޓްކޮށްގެންނާއި ޕްރޮސެސްކޮށްގެން ރާއްޖޭގެ ބާޒާރާއި ދުނިޔޭގެ ބާޒާރުގަ ވިއްކައިގެން ލިބުނު އާމްދަނީންނެވެ. ފައިސާ ދެއްކުމުގައި ލަސްވީ، މި ސަރުކާރަށް ކަންކުރާގޮތް ނޭނގިގެންނާއި، ”މުއިއްޒުސްޕީޑް“ ލަސްކަމުންކަމަށް މަސްވެރިން ބުންޏެވެ.
މި ސަރުކާރުން މަސްވެރިންނަށް އެބުނާ 250 މިލިއަން ދައްކާ ޚަލާސް ކުރިގޮތް:
ފައިސާ ދެއްކިގޮތުގެ ތަފުސީލަށް ބަލާއިރު، މިދިޔަ ސަރުކާރުން ވާރުތަވިކަމަށްބުނާ 250މިލިއަން ރުފިޔާ ޖެނުއަރީމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް މިވަނީ ދައްކާ ޚަލާސްކުރެވިފަ އެވެ. އެހެންނަމަވެސް އަދިވެސް މިސަރުކާރުން ބުނަމުންދަނީ އެމްޑީޕީ ސަރުކާރުން ވާރުތަވީ އަދަދާހުރެ މިސަރުކާރަށް ފައިސާ ދައްކަން ދަތިވެގެން އުޅޭވާހަކަ އެވެ. މިބަހަނާ ދައްކައިގެން މަސްވެރިން އަތުން މަސް ގަންނަ އަގުވެސް ދަށްކޮށްފި އެވެ. މަހުގެ އަގު ދަށްކުރި ދުވަހު ފިޝަރީޒް މިނިސްޓަރު ވިދާޅުވީ، އެ ދުވަހުން ފެށިގެން، މިފްކޯއަށް ދެހަފުތާއިން ފައިސާ ދޫކުރެވޭނެކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް އާއިރު ކަންވީއެހެންނެއް ނޫނެވެ. މިހާރު މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ދައްކަމުންދަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަދޭ އުސޫލުން މަހެއް ހަމަވުމުންނެވެ.
ސަރުކާރުން ދައްކާ މިބަހަނާ ގަބޫލު ނުކުރާނެކަމަށް މަސްވެރިންދަނީ ބުނަމުންނެވެ. މަސްވެރިންބުނީ މިސަރުކާރަށް ވޯޓްދެވުނު ”މޮޔަ“ މިހާރު ހީވާކަމަށެވެ. އަދި، ރައީސް މައުމޫނު ޒަމާނުން ފެށިގެން މިހާތަނަށްއާއިރު މަސްވެރިންނަށް މިހާދޮގުހެދި ސަރުކާރެއް ނުދެކޭކަމަށާއި، މި ސަރުކާރުގެ ދަޅައިގަޖެހި އިތުރަށް ދަލުގައި ޖެއްސުމަށް ޖާގަނުދޭނެކަމަށްވެސް މަސްވެރިން ބުންޏެވެ. މަސްވެރިން މިހާރުދަނީ އެކި މަންސަތަކުގައި މިމޭރުމުން މިސަރުކާރަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. އަދި، 48ގަޑީއިރު ނުވަނީސް ޑޮަލަރުން ފައިސާދޭނެކަމަށާއި، 20ރުފިޔާއަށްވުރެ މަސް ކިލޯއެއްގެއަގު ދަށްނުކުރާނެކަމަށް ބުނެ މި ސަރުކާރުން ދައްކާ ވާހަކާ މިހާރު މަސްވެރިން ނަގަނީ ޖޯކަކަށެވެ.