މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ލޭންދޭނަށް ނެގި މަހުގެ ”ޕެއިންމެންޓް“ އެއް އަންނަ ހަފުތާގެ ކުރީކޮޅު ދޭން ރާވަމުންދާކަމަށް އެކުންފުނިން ބުނެފި އެވެ.
މަސްވެރިންގެ ފައިސާ ދޭނެ ތާރީޚެއް ހޯދަން މި ނޫހުން މިއަދު ގުޅާލުމުން މިފްކޯއިން ބުނީ، މިހާރު ”ބެކްލޮގް“ ގައި ނުދެވި ހުރީ 32 މިލިއަން ރުފިޔާކަމަށާއި، އަންނަ ހަފުތާގައި ޕެއިންމެންޓް ދޫކުރަން ރާވަމުންދާކަމަށެވެ. ޕެއިމެންޓެކޭ މިފްކޯއިން ބުނެފައިވާތީ، ”ބެކްލޮގް“ ގައި ހުރި ފައިސާ އެއްކޮށް ޚަލާސް ކުރަނީ ކަމެއް ނުވަތަ އޭގެއިން ބައެއް ދައްކަން ރާވަނީ ކަމެއް ޔަގީނެއް ނޫނެވެ.
މިފްކޯއިން ޕެއިމެންޓް ދޫކުރަން ރާވަމުންދާކަމަށް ބުނުމުން އޭގެއިން ދޭހަވަނީ މިހާރު އެކުންފުނިން އާންމުކޮށް މަހުން މަހަށް ފައިސާ ދޫކުރަމުންދާގޮތަށް، އަނެއްކާވެސް އެއްމަހުގެ ”ބެކްލޮގް“ ހަމަވަންދެން މަޑުކުރަނީ ކަމެވެ. މިދިޔަ ދެ މަހުވެސް އެ ކުންފުނިން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ އެއްމަސް ހަމަވުމުންނެވެ.
މިފްކޯއިން މިދިޔަ 2 މަހު ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފުސީލު:
- 24 އޯގަސްޓް-26 ސެޕްޓެމްބަރު:18.3 މިލިއަން ރުފިޔާ ދޫކުރީ ސެޕްޓެމްބަރު 29 ވަނަ ދުވަހު(1879 މެޓްރިކް ޓަނުގެ މަސް)
- 27 ސެޕްޓެމްބަރ-27 އޮކްޓޯބަރު:15.1 މިލިއަން ރުފިޔާ ދޫކުރީ އޮކްޓޯބަރު 31 ވަނަ ދުވަހު(1528 މެޓްރިކް ޓަނުގެ މަސް)
މަސްވެރިން އަތުން ނަގާ މަހަށް މިފްކޯއިން ފައިސާ ދޫކުރަމުންދާދިއުން ލަސް ކުރަމުންދާތީ މަސްވެރިން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. މަސްވެރިން ބުނަނީ މިހާރު ސިވިލް ސާވިސް މުވައްޒަފުންނަށް މަހު މުސާރަ ދޭ އުސޫލުން މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރަމުންދާކަމަށެވެ. އެއީ އެއްގޮަތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، މަސްވެރިން މިފްކޯއާއެކު ކުރަނީ ވިޔަފާރި މުއާމަލާތަކަށްވީއިރު، ވިޔަފާރީގެ އުސޫލުތަކާއި ހަމަތަކުގެމަތިން މަސްވެރިންނަށް ލަސްނުކޮށް ފައިސާ ދޭންޖެހޭނެކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އަންނަން ވޯޓް ހޯދަން މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރޭގައި، މަސް ނަގާތާ 48 ގަޑީއިރުގެތެރޭގައި ޑޮަލަރުން ފައިސާ ދޭނެ ކަމަށް ވީ ވައުދާއި، މަހުގެ އަގު 20 ރުފިޔާއަށްވުރެ ތިރު ނުކުރާނެކަމަށް ވީ ވައުދު ހިމެނެއެވެ. އެހެންނަމަވެސް، ސަރުކާރަށް 1 އަހަރުވެގެން ދިޔައިރުވެސް 48 ގަޑީއިރުގެތެރޭގައި ފައިސާއެއް ނުދެވުނެވެ. އަދި ވީ ވައުދާ ޚިލާފަށް މަހުގެ އަގު ވަނީ 16 ރުފިޔާއަށް ތިރިކޮށްފަ އެވެ.