މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ދަރަންޏަށް ނެގި މަހުގެ އަގު ނުދައްކާތާ ތިން ހަފުތާ ވެއްޖެއެވެ.
މިފްކޯގެ ފެސިލިޓީތަކުން މަސްވެރިން އަތުން ނެގި މަހަށް އެންމެ ފަހުން ފައިސާ ދެއްކީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ، އެ ދުވަހު ފައިސާ ދެއްކީ އެ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން އަތުން ނަގާފަ ހުރި މަހުގެ ބިލުތަކަށްވާ ފައިސާ އެވެ.
އޮކްޓޯަބަރު މަހުގެ 28 އިން ފެށިގެން މިއަދާ ހަމަޔަށް 21 ދުވަސް ވެފައިވާއިރު، މިފްކޯއިން އެ ގަތް މަހަށްވާ ފައިސާ ދައްކާފައެއް ނުވެއެވެ. ފައިސާ ދައްކާނެ ނުވަތަ ދެއްކޭނެ ދުވަހެއްވެސް މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ. މިފްކޯއިން މަސްވެރިން އަތުން ނަގާ މަހުގެ ތަފާސް ހިސާބުތައް ހާމަކުރަމުން ނުދާތީ މަސްވެރިން އަތުން ލޭންދޭނަށް މި މުައްދަތުގައި ނަގާފައިވަނީ ކިހާ އަދަދެއްގެ މަހެއްކަމެއް ސާފެއް ނުވެއެވެ.
މިފްކޯއިން މަސްވެރިން އަތުން ނެގި މަހަށް ފައިސާ ނުދީގެން މަސްވެރިންދަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ސަރުކާރަށާއި މިފްކޯއަށް ފާޅުގައި ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް މި ސަރުކާރުން މަސްވެރިންގެ ގޮވާލުންތަކަށް ދެމުން ދަނީ ބީރު ކަންފަތެކެވެ. މަސްވެރިން ބުނަނީ ވޯޓްގެ ބޭނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް، ވެރިކަމަށް ވަޑައިގެންނެވުމުން ހަނދުމަނެތިއްޖެކަމަށެވެ. އަދި މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ފުނޑާލާ މަސްވެރިން މަގުމަތިކޮށްލައިފި ކަމަށެވެ.
މި ސަރުކާރުން މަސްވެރިންނަށް ވައުދުވީ މަސް ގަންނަތާ މަދުވެގެން 48 ގަޑީއިރުގެތެރޭގައި، ޑޮލަރުން ފައިސާދެވޭނެ އިންތިޒާމު ހަމަޖައްސުމަށެވެ. އެކަން ނުވީމައި، މަސްވެރިންނަށް ފައިސާ ދައްކަން ފަސޭހަވާނީ މަހުގެ އަގު ދަށްކޮށްގެންކަމަށް ބުނެ، މަހުގެ އަގު 16 ރުފިޔާއަށް ދަށްކުރި އެވެ. އެހެންނަމަވެސް މިހާރު މަސްވެރިން އަތުން ނަގާ މަހަށް މިފްކޯއިން ފައިސާ ދޫކުރަނީ މަހުން މަހުންނެވެ. މަހުގެ އަގު ދަށްކުރީމައި މަސްވެރިންގެ ފައިސާ ދެ ހަފުތާގެ ތެރޭގައި ދެއްކޭނެކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްވެސް ވަނީ އިތުރުފުޅު ހައްދަވާފަ އެވެ. މަސްވެރިން ދެ ހަފުތާހަމަވެ، ފައިސާ ނުލިބި ބަނޑަށް ޖެހިގެން ކިތަންމެ ވަރަކަށް ޝަކުވާ ކުރަމުންދިޔަނަމަވެސް މިނިސްޓަރު ޝިޔާމް އެކަމާ މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. މަސްވެރިން މިހާރު ބުނަމުންދަނީ ރައީސް މުއިއްޒަށްވެސް އަދި މިނިސްޓަރު ޝިޔާމަށް މިހާރު އެއްވެސް އިތުބާރެއް ނެތްކަމަށެވެ.
މިފްކޯއަށް ކިރާ މަހަށް ފައިސާދިނުމުގައި މިފްކޯއިން ފައިސާދިނުންލަވުމުގެ ސަބަބުން، އޮޑިފަހަރު އޮޕަރޭޓްކުރުމަށާއި، އޮޑީގެ ޚަރަދު ބެލެހެއްޓޭނެ ގޮތެއް ނެތިގެންނާއި، މަހަށް ފުރޭ މިންވަރަށް ޑީސަލް ނުލިބިގެން ގިނަ އޮޑިފަހަރުތައް މިހާރު މަހަށް ނުފުރައެވެ. އެހެންކަމުން، މިފްކޯއަށް މަސް ކިރާ މިންވަރުވެސް މިހާރުވަނީ ދެގުނަ ދަށްވެފައެވެ. މިފްކޯއިން ބުނީ، މިހާރު މަސް ލިބެނީ ކިރިޔާ ޕްރޮސެސް ކޮށްލެވޭ މިންވަރަށް ކަމަށެވެ. މަސްވެރިން ބުނަނީ ޕްރޮސެސް ކުރިޔަސް ނުވަތަ ބޭނުންނުކޮށް މަސް ކަނޑަށް އުކާލި ނަމަވެސް، މިފްކޯއާއެކު ކުރި ވިޔަފާރީގެ މުއާމަލާތަށްވާ ފައިސާ އެކުންފުނިން ލަސްނުކޮށް މަސްވެރިންނަށް ދޭންޖެހޭ ކަމަށެވެ. އަދި މިފްކޯއަކީ ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏަކަށްވާއިރު، އެކުންފުނީގެ ވިޔަފާރި މުއާމަލާތްތަކަށް ސަރުކާރު ޒިންމާވާން ޖެހޭކަމަށެވެ.