އދ. ދަނގެތީ ދޯނި އެހެލާ ސަރަހައްދުގައި އުސޫލާ ޚިލާފަށް ހަދަފާހުރި ގުދަންތައް ނަގަން އެރަށު ކައުންސިލުން އަނެއްކާވެސް އާންމުކޮށް އަންގައި އިއުލާނުކޮށްފި އެވެ.
ދަނގެތީ ކައުންސިލުން މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ”އދ. ދަނގެތީ އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލު ކުރާނެގޮތުގެ އުޞޫލު“ އާއި ޚިލާފަށް ހަދައިގެން ބޭނުންކުރަމުންދާ ހަރުގެތަކާއި ހިޔާކޮށްފައިވާ ފުރާޅުތައް ނެގުމަށްޓަކައި 12 އޮގަސްޓް 2024ގައި ނެރުނު އިއުލާނަކުން ރައްޔިތުންނަށް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް، މުއްދަތު ހަމަވިއިރު ހިޔާކޮށް ބިއްބައްދައިގެން ހަދާފައިވާ ގުދަންފަދަ ތަންތަން ނަގާފައި ނުވާތީ އެފަދަ ތަންތަން ކައުންސިލުން ނެގުމަށްފަހު އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރާ އުޞޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެފަރާތްތަކާއި މެދު ޢަމަލު ކުރަމުން ގެންދާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން މިހާރު ވަނީ ގުދަންތައް ނަގަން އިތުރު މުހުލަތެއް ދީފަ އެވެ. އެގޮތުން، 25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެފަދަ ގުދަންތައް ނަގައި ތަން ސާފުކުރެއްވުމަށް އަންގާފައިވާއިރު، މިމުއްދަތު ހަމަވާއިރު ނުނަގާ ހުރި ތަންތަން އިތުރު އެންގުމަކާއި ނުލައި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި، އެ ތަންތަން ނެގުމުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމުގެ އެއްވެސް ޒިންމާއެއް ނުނަގާނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.