މިދިޔަ ޖެނުއަރީ މަހު 145 މިލިއަން ރުފިޔާގެ މަހާއި މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާ ކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިގެން ދިޔަ ޖެނުއަރީ މަހު ސާޅިސް ތިން މިލިއަން ރުފިޔާގެ ގަނޑުކުރި ރޯ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން 26 މިލިއަން ރުފިޔާގެ ގަނޑުކުރި ރޯ ކަންނެލި މަސް ބޭރުކޮށްފައި ވެއެވެ. އަދި 6 މިލިއަން ރުފިޔާގެ ތާޒާ ނުވަތަ އައިސްކުރި ރޯ ކަންނެލި މަސްބުރި އެކްސްޕޯޓްކޮށްފައި ވެއެވެ.
މަހުގެ އުފެއްދުންތަަކަށް ބަލާއިރު، 58 މިލިއަން ރުފިޔާގެ މަސްދަޅު މިދިޔަ ޖެނުއަރީ މަހު ވަނީ އެކްސްޕޯޓްކޮށްފަަ އެވެ. އަދި 12 މިލިއަން ރުފިޔާގެ މަހުގެ އެހެނިހެން އުފެއްދުންތައްވެސް ޖެނުއަރީ މަހު އެކްސްޕޯޓްކޮށްފައި ވެއެވެ.
އެންމެ ގިނައިން މަހުގެ ބާވަތްތައް އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑަށެވެ. ތައިލޭންޑަށް 67 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، އެއީ އެކްސްޕޯޓް ކުރި މަހާއި މަހުގެ ބާވަތްތަކުގެ %38 އެވެ.
މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރި މައި ގައުމުތައް:
- ތައިލޭންޑް:67 މިލިއަން
- ޖަރުމަން:29 މިލިއަން
- އިނގިރޭސި ވިލާތް:26 މިލިއަން
- ބަންގްލަދޭޝް:11 މިލިއަން
- އިންޑިއާ:8 މިލިއަން
މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރާއްޖެއިން 185 މިލިއަން ރުފިޔާގެ މަހާއި މަހުގެ ބާވަތްތައް ބޭރުކޮށްފައި ވާއިރު، ޑިސެންބަރުމަހު 221 މިލިއަން ރުފިޔާގެ މަހާއި މަހުގެ ބާވަތްތައް ބޭރުކޮށްފައި ވެއެވެ. މި އަހަރުގެ ޖެނުއަރީ މަހު އެކްްސްޕޯޓްކޮށްފައިވަނީ 145 މިލިއަން ރުފިޔާގެ މަހާއި މަހުގެ ބާވަތްތަކެވެ. އެހެންކަމުން ކުރީ ދެމަހާ އަޅާ ކިޔާއިރު، ޖެނުއަރީ މަހު މަަސް އެކްޕޯޓް ކުރި މިންވަރު މިވަނީ ބޮޑު ތަނުން ދަށްވެފަ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހު ރާއްޖެއިން 173 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 31 އިންސައްތަ ދަށް އަދަދެކެވެ.
ޖެނުއަރީ މަހުގެ އިމްޕޯޓް އަދި އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ ހަތް ޕަސަންޓް އިތުރުވެފަ އެވެ. އިމްޕޯޓް އަދި އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ކަސްޓަމްސްްއަށް އާމްދަނީގެ ގޮތުގައި ލިބުނީ 5.1 ބިލިއަން ރުފިޔާ އެވެ. ރޯޔަލްޓީގެ ގޮތުގައި، ތިން މިލިއަން ރުފިޔާ ލިބިފައި ވެއެވެ.