back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހުޅުވާލައިފި އެވެ.

ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބަލަހައްޓާ އެޑްވައިޒަރީ ކޮމިޓީ އެކުލެވިގެންވަނީ 5 ދާއިރާއެއްގެ މައްޗަށެވެ. އެއިން ކޮންމެ ދާއިރާއަކުން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު އެ މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

ހޯދަން އިއުލާނުކޮށްފައިވާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުން:

  • ރިސޯޓްތަކުގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)
  • ގެސްޓް ހައުސް ނުވަތަ ޑައިވް ސެންޓަރތަކުގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)
  • މި ސަރަހައްދުގައި ހަރަކާތްތެރިވާ އެން.ޖީ.އޯ އަކުން ފަރާތެއް -1 (އެކެއް)
  • މަސްވެރިކަމުގެ ދާއިރާގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)
  • ލިވްއެބޯޑް ދާއިރާގެ ރެޕްރެސެންޓޭޓިވް 1 (އެކެއް)

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން 21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީން އެދިފައި ވެއެވެ. އަދި، ލިޔުންތައް jobs@environment.gov.mv އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަންނާނެކަމަށް ބުންޏެވެ. އެކަކަށް ވުރެގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައިކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމިޓީގެ މަސްއޫލިއްޔަތުގެތެރޭގައި، ހިމާޔަތްކޮށްފައިވާ ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުމާއި، ސައުތުއަރި މެރިންޕާކު ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން ހިމެނޭކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

ސައުތުއަރި މެރިންޕާކަކީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، 5 ޖޫން 2009 ގައި، ޙިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މިސަރަހައްދަކީ ސައުތުއަރި މެރިންޕާކް ސަރަހައްދު‘ ކަމުގައި ހަމަޖައްސައި ޢާންމުކޮށް އަންގާ އިޢުލާން ކޮށްފައިވަނީ 11 ޖުލައި 2019 ގައެވެ. ސައުތުއަރި މެރިންޕާކް ސަރަހައްދު‘ ކަމުގައި ހަމަޖައްސާފައިވަނީ، އަރި އަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު’ގެ ސަރަހައްދެކެވެ. ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަ ކޮށްލެވޭ ސަރަހައްދެކެވެ. މިސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބާއި މަޑިއާއި މިޔަރުގެ ބާވަތްތައްވެސް ހިމެނެއެވެ.

މި ސަރަހައްދު މިހާރު ބަލަހައްޓަމުންދަނީ މާމިގިލީ ކައުންސިލުންނެވެ.

މިލިޔުމާއި ގުޅޭ