މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް، ސައުދީ އަރަބިއްޔާގެ އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި، އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާ ދެމެދު މިއަދުވަނީ ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރު އެވެ. އަދި، އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑައިރެކްޓަރ ހަމަދު މުޙައްމަދު އަލްމިންހާލީ އެވެ.
މި އެއްބަސްވުމުގެ ދަށުން، ސްޓޯރޭޖްގެ ޑިޒައިނިންގ މަސައްކަތާއެކު މި ފެސިލިޓީ 300 ދުވަހުގެ ތެރޭގައި އަޅައި ނިންމަން ޖެހެއެވެ. މި މަޝްރޫޢުގެ ދަށުން މ. މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނު މަސް ބްރައިން ފްރީޒްކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ދ. މީދޫ، ދ.ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސްޕްލާންޓް އެޅުމުގެ މަޝްރޫއުގެ ދަށުން، އެ ތިން ރަށުގައިވެސް 50 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވަނީ މިފްކޯއާއެވެ.