ރ. މަޑުއްވަރީގައި ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމުގެ ޝައުގުވެރިކަން އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ފާޅުކޮށްފި އެވެ.
މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އިން ބުނީ، އެ ކޮމިޓީއިން ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމާ މަޝްވަރާކޮށް، ސޮސައިޓީ އުފެއްދުމުގެ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން، މިމަހުގެ 20 – 24 އޮކްޓޯބަރުގެ ނިޔަލަށް މަޑުއްވަރީގައި މިކަމާ ގުޅޭ ޚާއްސަ ސެޝަންތަކެއް ކުރިޔަށް ގެންދިޔަކަަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ސެޝަންތަކުގައި، ކޯޕަރޭޓިވް ސޮސައިޓީ ގާނޫނާ ބެހޭ މައުލޫމާތާއި، ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި ގުޅޭ މައުލޫމާތާއި، ގޭބިސީތަކުގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)އިން ޢާއްމުކޮށްފައިވާ ”އަމިއްލަ ދިރިއުޅުމައްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ“ މިންގަނޑާގުޅޭގޮތުން މަޢުލޫމާތު، ސެޝަންގެ ބައިވެރިންނާ ހިއްސާކޮށްފައި ވެއެވެ. އަދި، މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ކޯޕަރޭޓިވްގެ އަސާސީ އަދި ހިންގާ ޤަވާއިދުގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
މި ސެޝަންތަކަކީ، ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާ ގުޅިގެން ހިންގާ ”ޕްރޮމޯޝަން އޮފް ބްލޫ އެކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް“ ޕްރޮޖެކްޓުގެ ދަށުން ބޭއްވި ސެޝަންތަކެކެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވީ މިނިސްޓްރީގެ ކަމާގުޅޭ ފަންނީ ބޭފުޅުންނެވެ. މި ޕްރޮޖެކްޓުގެ ދަށުން، މިދިޔަ މަހު މ ދިއްގަރުގައިވެސް ވަނީ މައުލޫމާތު ސެޝަންތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. އެސެޝަންތަކުގައި، ދިއްގަރުގެ ފަރާތްތަކުން ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން މިނިސްޓްރީން އޭރު ފާހަގަކޮށްފައި ވެއެވެ.
”ޕްރޮމޯޝަން އޮފް ބްލޫ އެކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް“ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގައި މަސްވެރިކަމުގައި ބޭނުންކުރާ އެން ގިނަ ދުވަހު ގެންގުޅުމަށް އޮޑިފަހަރުގެ އެންވަތަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ ދިރާސާއެއްވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 3 އޮޑިއެއްގެ އެންވަތަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ، އެއޮޑިތަކުގެ އެންވަތަށް ގެނައި ބަދަލުތަކުގެތެރޭގައި، އެންވަތުގެ ލޮނުގަނޑު ދައުރުވާ ގޮތް ހެދުމާއި، މަރުވެފައި ހުންނަ އެން، ވަތަށް ނުފައިބާ ވަތުން ނެގޭ ގޮތް ހެދުން ހިމެނެއެވެ.