ހުވަދޫ އަތޮޅަކީ، ރާއްޖޭގައި ނިސްބަތުން ބަލާއިރު މަސްއޮޑި އެންމެ ގިނަ އަތޮޅެވެ. ގދ އަދި ގއ އަށް ބަލާނަމަ އާދައިގެ މަތިން މަަސްވެރިކަންކުރަމުން އަންނަ 150 އެއްހާ އޮޑި ފަހަރު އެބައޮތެވެ.
ކަންމިހެން އޮތް އިރު މިވަގުތު ހުވަދޫ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ދަތި އުދަނގޫ ކަމަކީ މަހަށް ފުރަން ތެޔޮ އެކަށީގެންވާ ވަރަށް ނުލިބޭ މައްސަލައެވެ. ތެޔޮ ހޯދުމުގައި ހުރި ތާށިކަމެއްގެ ބޮޑުކަމުން، މިއަދު ގިނަ އޮޑިފަހަރުވަނީ މަހަށް ފުރަން ނުކުޅެދިފައެވެ. މީގެ ކުރިން މިފްކޯގެ މަހާކަލަމިންޖާއިންނާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) އިން ބޭނުންވަރަކަށް އޮޑިފަހަރަށް ތެޔޮ ކްރެޑިޓަށް ލިބެއެވެ. އެހެންނަމަވެސް މިވަގުތު މަހާކަލަމިންޖާއިން އެއްވެސް ވަރަކަށް ތެޔޮ ކްރެޑިޓަށްވެސް އަދި ގަންނަންވެސް ނުލިބެއެވެ. ކޫއްޑޫއަށް ބަލާއިރު ތެޔޮ ކްރެޑިޓަކަށް ނުދެއެވެ. މި ވަގުތު އެ ފެސިލިޓީން ތެޔޮ ވިއްކަމުންދަނީ ކޮންޓްރޯލްކޮށްގެންނެވެ. އެއީ، އޮޑިއަކަށް 1،000 ލީޓަރު ތެލެވެ. އެހެން ގޮތަކަށް ބުނާނަމަ،5 ފީފާ ތެލެވެ.
”ހުވަދޫ ގިނަ އޮޑިފަހަރަކީ 500 ހޯސްޕަވަރުން މަތީގެ އޮޑިތައް. މިސާލަކަށް ފަރެސްމާތޮޑާ، ގައްދޫ. ކަނޑުހޮޅުދޫ، ގެމަނަފުށި މިއިން ކޮންމެ ރަށަކުންވެސް ކޫއްޑޫއާ ހަމަޔަށް މިދެވެނީ 30 ނޯޓިކަލް މޭލަށް ދުއްވާފައި. އެއީ ދެކޮޅު ދަތުރަށް ބަލާނަމަ، 60 ނޯޓިކަލް މޭލު. 3 ފީފާ ތެޔޮ އަންދާފަ މިދާންޖެހެނީ 5 ފީފާ ތެޔޮ ގަންނަން. އެހެންވީމަ ޚަރަދަށް ބަލާއިރު މިއީ އެއްވެސްގޮތަކަށް ދެކޮޅު ޖެހޭ ކަމެއް ނޫން، މިއޮތް މަސްވެރިކަން ދަށް ދުވަސްވަރު. ގިނަ އޮޑިފަހަރުތައް މިތިބީ މަހަށް ނުފުރިފަ ދެކޮޅުޖެހޭނެ ގޮތެއް ނެތިގެން.“ ހުވަދޫ ކެޔޮޅަކު ބުންޏެވެ.
ދެން އެއަތޮޅުން ސަބްސިޑީ ހިމެނޭގޮތައް ތެޔޮ ލިބެންހުރީ ތިނަދޫ ސިޓީންނެވެ. ތިނަދޫއަށް ދަތުރުކުރަން ބަލާއިރުވެސް ޖެހެނީ އެއްތާކުއެވެ. އެހެންކަމުން މިވަގުތު ހުވަދޫ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ތެޔޮ ލިބޭނެގޮތެއް ނެތުމެވެ. އަދި، ކޫޢްޑޫއިން ތެޔޮ ކްރެޑިޓަށް ނުދޭ ތާނަގައި ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަމުންދާތީ އާދައިގެ މަތިން މަހަށް ފުރޭނެގޮތް ނުވުމެވެ.
ކޫއްޑޫއަށް ތެޔޮ ކޮންޓްރޯލް ކޮށްގެން ވިއްކަން ޖެހިފައިވަނީ، އެތަނުން އެސްޓޯއިން ދަރަންޏަށް ނެގި ތެލުގެ ބިލުތައް ނުދައްކައިގެން ބޭނުންވާވަރަށް ތެޔޮ ނުލިބިގެން ކަމަށް ޚަބަރު ލިބެއެވެ. އެކަމަކު މިއީ، މަސްވެރިން އެއްވެސް ހާލެއްގައި ޒިންމާ ނަގަންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ، މީގެ ކުރިން ކޫއްޑޫއިން މަސްވެރިން ދަރަންޏަށް ނެގި ނުވަތަ ކޫޢްޑޫއިން މަސްވެރިންނަށް ކްރެޑިޓަށް ދޫކުރި ތެލަށްވާ ފައިސާ މިފްކޯއިން އުނިކުރުމަށްފަހު އޮޑިފަހަރަށް ދަރަނި ބިލުތައް ދައްކަމުންދާތީ އެވެ. އެހެންކަމަށްވާނަމަ އެސްޓީއޯއަށް ބިލު ނުދެއްކި އެއޮތީ މިފްކޯގެ ފައިނޭންސް ޑިޕާޓްމެންޓުގެ އިހުމާލުންނެވެ. މި މައްސަލައިގައި މިހާރު ކޫއްޑޫގެ މެނޭޖެމެންޓުން މަސްވެރިން ގާތު ބުނަމުންދަނީ އެތަނުން މަސްވެރިންނަށް ތެޔޮ ވިއްކައިގެން ކުންފުންޏަށް ލިބޭ އެއްވެސް ފައިދާއެއް ނެތްކަމަށާއި، އެއީ ޚަރަދުބޮޑު އޮޕަރޭޝަނެއްކަމަށެވެ. މިއީ، ކޫއްޑޫއިން ތެޔޮ ވިއްކުން ހުއްޓާލަން އުޅޭކަމުގެ ސިގްނަލެއްކަމަށް މަސްވެރިން ދެކެއެވެ.
”ކޫއްޑޫގެ މެނޭޖަރު މި ބުނަނީ، މިފްކޯއަށް ގެއްލުންވާކަމެކޭ އެތަނުން ތެޔޮ ދޫކުރުން ނުވަތަ ވިއްކުން. މަސްވެރިންނަށް ތެޔޮ ދޫކުރުމުގެ އިންތިޒާމު ހުއްޓާލުމެއް ނޫން މީގަައި ބުއްދިވެރިގޮތަކީ. ގެއްލުން ނުވާނެގޮތަކަށް ކަންކަން ހަމަޖައްސައިގެން މަސްވެރިންނަށް ތެޔޮ ކްރެޑިޓަށް ދޫކުރުން ނުވަތަ ވިއްކުން ނުވަތަ ކޫއްޑޫއަށް ކިރުވާ މަހަށް ވަގުތުން ފައިސާ ލިބޭގޮތް ހެދުން. ތެޔޮ ވިއްކުން ހުއްޓާލުން އެއީ ހައްލެއް ނޫން. މިފްކޯގެ މީގެ ކުރީގެ މެނޭޖްމެންޓުން އާދިލް ސަލީމްމެން ވަރަށް އަހައްމިއްޔަތުކަން ދިންކަމެއް އެއީ މަސްވެރިންނަށް ހެޔޮ ގޮތްގޮތް ހޯދައިދިނުން. މިހާރުގެ މެނޭޖްމެންޓުން މަސްވެރިންނަށް ލުޔެއް ހޯދައިދޭން ކުރާ އެއްވެސް ކަމެއްނެތް.“ ހުވަދޫ ކެޔޮޅަކުން ބުންޏެވެ.
ހުވަދޫ ކެޔޮޅުން ބުނީ، ކޫއްޑޫއަށް ނުވަތަ މަހާކަލަމިންޖާއަށް ކިރުވާ މަހަށް ވަގުތުން ފައިސާދޭނަމަ، މިއަދު ތެޔޮ ނުލިބިގެން ޝަކުވާކުރަން ނުޖެހުނީސް ކަމަށެވެ. އެއީ، މަހަށްވާ އަގު ވަގުތުން ލިބުނީމައި، އެލިބޭ ފައިދާއަށް ބަލައި މަސްވެރިކަމަށް ދުރާލާ ތައްޔާރުވެ، އޮޑީގެ ޚަރަދުތައް ހަމަޖައްސާލެވޭނެތީކަމަށެވެ. އަދި، މިހާރު މިފްކޯއަށް ކިރުވާ މަހަށް ފައިސާ އެއްމަސް ފަހުން ދިނުން އާދަޔަކަށް ހަދާފައިވާތީ ދަރަނިތައް ދައްކާލާފައި ކުރިޔަށް އޮތް ދަތުރުތަކަށް ޚަރަދުކުރާނެ ފައިސާ ނުހުންނާތީކަމަށް ކެޔޮޅުން ބުންޏެވެ.
”ބަލަމާ ދަތުރަކަށް 10 ފީފާ ތެޔޮ އާންމުކޮށް ބަރުކޮށްގެން މިފުރަނީ. އެއީ، އެންވެރިކަމާއި މަސްވެރިކަން ހުންނަގޮތުން ބައެއް ފަހަރު ވަރަށް ދުރަށް އެބަ ދަތުރުކުރަންޖެހޭ. އެހެންނަމަވެސް، އަތުގަ ނެތް ފައިސާއަކަށް ކިހިނެއް ދަތުރުފަށާނީ؟ މިފްކޯއިން ވަގުތުން ފައިސާ ދޭނަމަ، މިއީ އެއްވެސް ކަމެއް ނޫން. އަހަރުމެން ޝަކުވާއެއް ނުކުރާނަން. މިފްކޯއަށް ގެއްލުންވާތީ އެމީހުން ތެޔޮ ވިއްކުން ހުއްޓާލަންވީ؟ އަހަރުމެންނަށްވާ ގެއްލުން ކޮބާ؟ ހިތުހުރިގޮތަކަށް މިހާރު މިފްކޯއިން ކަންކުރަމުން އެދަނީ.“ ހުވަދޫ ކެޔޮޅަކު ބުންޏެވެ.
ކެޔޮޅުން ބުނީ، މިފްކޯއިންވެސް، ސަރުކާރުންވެސް މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދާތަން ނުފެންނަކަމަށެވެ. ރާއްޖޭގެ ދެވަނަޔަށް އެންމެ ބޮޑު ސިނާއަތު ހުއްޓުމަކަށް އަންނައިރު، މަަސްވެރިންނަށްވެސް ކުރިޔަށްދެވޭނެ އެއްވެސް މަގެއް މިފްކޯއިންވެސް ސަރުކާރުން ދައްކަމުން ނާންނަކަމަށް ކެެޔޮޅުން ބުންޏެވެ، އޭގެ ސަބަބުން މީގެ ކުރިން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވި އެތައް ޒުވާނުންނެއް ސިނާއަތް ދޫކޮށްލާ ރަސްމީ ވަޒީފާތަކަށްދާން ފަށައިފި ކަމަށާއި، މިއީ، ދެމެހެއްޓެނި މަސްވެރިކަމަކަށް ބަލާއިރު ބޮޑު ގެއްލުމެއްގެ ގޮތުގައި ކެޔޮޅުން ސިފަ ކުރެއެވެ. ގިނަ ޒުވާނުން އޮޑި ފަހަރުން ފައިބަނީ މިފްކޯއިން ފައިސާ ދިނުުމުގައި ލަސްކުރަމުންދާތީ ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދުމަށް މަސްވެރިކަމަށް ބަރޯސާވެ މިހާރު ކުރިޔަށްދެވެން ނެތުމުންކަމަށް ކެޔޮޅުން ބުންޏެވެ.
މަސްވެރިންނާ ގުޅުންހުރި ހުރިހައިކަމެއްގެ ހައްލެއްކަމަށް ކެޔޮޅުން ބުނަނީ، ކިރާ މަހަށް ފައިސާ އަަވަހަށް ލިބޭނެގޮތްވުންކަމަށެވެ. މި ސަރުކާރުގެ ސިޔާސަތަކީ މަސްކިރުވާތާ މަދުވެގެން 48 ގަޑީއިރުގެތެރޭގައި ފައިސާ ދޫކުރުމެވެ. އެކަމު ކަންހިގަނީ އެގޮަތަކަށް ނޫނެވެ. ކޮންމެ ފަހަރަކު މަސްވެރިންނަށް ފައިސާ ދޫކުރަނީ ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި މަސްވެރިން އިހުތިޖާޖުކޮށްގެން ނުވަތަ މުޒާހަރާކޮށްގެންނެވެ. މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ އަބުރުވެރި ބަޔަކަށް ހަދާނަމޭބުނެ ވައުދުވެ އައި ސަރުކާރުން މިހާރު ވަނީ މަސްވެރިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހަދާފައެވެ. ސަރުކާރުންވެސް މިފްކޯއިން ވެސް ހަދަނީ ހަދާނެގޮތެކެވެ. މަސްވެރިންގެ ޝަކުވާއެއް އަޑެއް ނާހައެވެ. ފައިސާކޮޅު ދެނީ ހިތައް އެރި ދުވަހަކުންނެވެ. މިފްކޯއިންވެސް ސަރުކާރުންވެސް ކުރަންޖެހޭ ހުރިހައި ޚަރަދެއް ކުރެއެވެ. އެހެންނަމަވެސް މަސްވެރިންނާ ޖެހުނީމައި ފައިސާއެއް ނެތެވެ. މިފްކޯއިން ބުނަނީ ކޭޝް ފްލޯވ ތާށިވެގެންކަމަށެވެ. ސަރުކާރުން ބުނަނީ މާލީ ހާލަތު ދަށްވެގެން ކަމަށެވެ. އެހެންނަމަވެސް ކޭޝް ފްލޯވގެ ތާށިކަމާއި މާލީ ހާލަތު ދަށްވަނީ މަސްވެރިންނަށް ފައިސާ ދޭންވީމާ ތޯއެވެ. ނުވަތަ ސަރުކާރުގެ މާލީ ހާލަތު ދަށްވަނީ މަސްވެރިކަމުގެ ސިނާއަތާ ޖެހުނީމައި ތޯއެވެ. ނާށިގަނޑު ހިފައިގެން މަސްވެރިން ސަރުކާރު ފައިބުޑަށް ވެއްޓި ސަލާން ޖަހައިގެން އާދޭސްކޮށް ރޮވެ ހަދައިގެން ނޫނީ މަސްވެރިންނަށް ފައިސާ ދޫކުރެވެން ނެތީތޯއެވެ. މިއީ، މިހާރު މަސްވެރިން ތަކުރާރުކޮށް ކުރަމުން އަންނަ ސުވާލުތަކެކެވެ. މިކަމުގައި ޖަވާބުދާރީވާން ކެރޭ ބަޔަކު މިގައުމުގައި ނެތެވެ. އެންމެ ކުޑަމިނުން މަސްވެރިންގެ ކަންކަން ވިލަރެސް ކުރަން ސަރުކާރުން ކަނޑައަޅާފައިވާ ހުންނަ ފަރާތައްވެސް ސިޔާސީ ނޫނީ ސަރުކާރު ޕްރޮމޯޓްކުރަން ނޫނީ ބަހެއް ވިދާޅެއް ނުވެވެއެވެ. މަސްވެރިންގެ ކަމެއްގައި ބަސްބުނަން ނުވަތަ މަސްވެރިންގެ ހައްގުގައި އެއްޗެއް ވިދާޅުވާން އެބޭފުޅާއަށްވެސެ ކެރިވަޑައިނުގަތެވެ. މަހުގެ އަގު ދަށްކުރުމަށްފަހު މަސްވެރިންނަށް ދެހަފުތާއިން ދެހަފުތާއިން ފައިސާ ދޭން ވައުދުވެ ވަޑައިގެންނެވުމަށްފަހު އެބޭފުޅާ މަސްވެރިންގެ މަތިން ހަނދާންނެތިއްޖެކަމަށް ކެޔޮޅުން ބުންޏެވެ.