ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ)އިންނާއި މަހާކަލަމިންޖާއިން އަދިވެސް ތެޔޮ ނުލިބޭކަމަށް ދެކުނުގެ ކެޔޮޅުން ބުނެފި އެވެ.
މިވަގުތު ތިނަދޫ ސިޓީ ބޭރުގައި އޮތް މަހާކަލަމިންޖާ ބޯޓާއި، ކޭއެފްސީގެ ތެޔޮ ސްޓޮކް ހުސްވެފައިވާއިރު، މިއަދު ދެކުނުގެ މަސްވެރިން ޚާއްސަކޮށް ހުވަދު އަތޮޅުގެ ގިނަ އޮޑިތައް ތިބީ ތެޔޮ ނުލިބިގެން މަހަށް ނުފުރިފަ އެވެ. ކެޔޮޅުން ތިބީ މި މައްސަލައިގަ ވަރަށް މާޔޫސްވެ ކަންބޮޑުވެފަ އެވެ. އަދި، މިހާރު ތިބީ މަހަށް ފުރަން ތެޔޮ ލިބޭނެދުވަހެއްގެ އިންތިޒާރުގަ އެވެ.
”ރައީސަށް، އެމްޕީނަށް ނޭންގި އޮވޭތަ މިވަރު ވާއިރު އެންޕީންގެ ދޯނިފަހަރުވެސް އެބަހުރި. އެއުޅެނީ ސަލާންޖެހުމުގެ ސަގާފަތެއް ދިރުވަން.“ ރުޅިގަދަވެފަ ހުރި ލ. އަތޮޅުކެޔޮޅަކު ބުންޏެވެ.
ހުވަދޫ މަސްވެރިން ބުނީ، އިއްޔެ ބޭނި މަސްކޮޅު މަހާކަލަމިންޖާއަށް ކިރުވާފައި ތެޔޮ ގަންނަން އެދުނީމައި، އެ ބޯޓަށްވެސް ބޭނުންވާވަރަށް ތެޔޮ ނެތްކަމަށާއި، ތެޔޮ ލިބޭނެ ދުވަހެއްވެސް ނޭނގޭކަމަށް ބޯޓުގެ ފަރާތުން މައުލޫމާތު ދިންކަމަށެވެ. އަދި ތެޔޮ ލިބޭނެ ދުވަހެއް ބުނަން ނޭނގޭކަމަށް ކޫއްޑޫންއިންވެސް ބުނެފައިވާކަމަށް ކެޔޮޅުން ބުންޏެވެ. މިއީ މޫސުން ރަނގަޅުވެ މަހަށް ނިކުންނަން ފަށާއިރު ކުރިމަތިވި ވަރަށް ބޮޑު ދައްޗެއްގެގޮތުގައި ކެޔޮޅުން ފާހަގަކުރި އެވެ.
”މިއީ ވަރަށް ކަންބޮޑުވާކަމެއް.ސަރުކާރާއި މިފްކޯއިންް މަސްވެރިންނަށް މިކަން ހައްލުކޮށްދޭން އެބަޖެހޭ.ކިރި މަހަށްވާ ލާރި ނުލިބޭތާނގަ މަހަށް ނުކުންތާނެގޮތްވެސް ނުވެ އެއްކޮށް ހުއްޓުމަކަށް މިއައީ.އަަވަސް ހައްލެއް ހޯދުމަށް އެންމެން މަސައްކަތްކޮށްދިނުމަށް ވަރަށް ބޮޑަށް އެދެން.“ ތިނަދޫ ކެޔޮޅަކު ބުންޏެވެ.
މިފްކޯއިން ބުނީ، މިހާރު ޚިދުަމަތް ކެނޑިފައިވަނީ ތެޔޮ ”ސްޓޮކް“ ނުލިބިގެން ކަމަށެވެ. އަދި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިފްކޯއިން ބުންޏެވެ.
”ތެޔޮ ހޯދުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. ހައްލުކުރަން މަސައްކަތްދަނީ ކުރެވެމުން.“ މިފްކޯއިން ބުންޏެވެ.
މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެފައިވާއިރު، ތެޔޮ ކޮންޓްރޯލް ކުރަމުންދާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އިން މިކަމާގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. މި ނޫހުން އިއްޔެއިން ފެށިގެން އެސްޓީއޯގެ ކަމާބެހޭ ފަރާތަށް މިކަމުގެ ތަފުސީލު ހޯދުމަށް ދަނީ ގުޅަމުންނެވެ. އެބޭފުޅުން ޖަވާބުދާރީއެއް ނުވެއެވެ.
ތެލުގެ ސަޕްލައި މައްސަލަ ޖެހިގެން މިއުޅެނީ، މިފްކޯއިން ކުރިން ނަގާފަހުރި ބިލުތަކަށް ފައިސާ ނުދެއްކި، ”ބެކްލޮގް“ ބޮޑުވުމުގެ ސަބަބުން މިހާރު އެސްޓީއޯއިން މިފްކޯއަށް ކްރެޑިޓަށް ތެޔޮ ދޫނުކުރާތީ އެވެ.
މިފްކޯގެ ފެސިލިޓީތަކުންނާއި ބޯޓްތަކުން މަސްވެރިންނަށް ތެޔޮ ކްރެޑިޓަށް ދޫނުކުރާތާވެސް ދުވަސްގަނޑެއް ވެއްޖެއެވެ. ތެޔޮ ދޫކުރެވެން ނެތީ މިވަގުތު އެސްޓީއޯއިން ކޮންޓްރޯލްކޮށްގެން ތެޔޮ ދޫކުރަމުންދާތީކަމަށް މީގެ ކުރިން މިފްކޯއިން ބުނެފައި ވެއެވެ. އަދި، މިވަގުތު ކުންފުނި އޮތީ މަސްވެރިންނަށް ތެޔޮ ކްރެޑިޓަށް ދެވޭ ހާލަތެއްގައި ނޫންކަމަށްވެސް މިފްކޯއިން މީގެކުރިންވެސް ބުނެފައި ވެއެވެ.