ގއ. ކޫއްޑޫ ފެސިލިޓީ އާއި މަހާކަލަމިންޖާއިން ތެޔޮ ހުސްވެއްޖެ އެވެ.
ދެކުނުގެ އަތޮޅުތަކުގެ ކެޔޮޅުން ބުނީ، މިވަގުތު ތިނަދޫ ސިޓީ ބޭރުގައި އޮތް މަހާކަލަމިންޖާ ބޯޓުންނާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ)އިން ވެސް މިހާރު ތެޔޮ ލިބެން ނެތްކަމަށް ބުނެފައިވާކަމަށެވެ.
މިފްކޯއިން ބުނީ، މިހާރު ޚިދުަމަތް ކެނޑިފައިވަނީ ތެޔޮ ނުލިބިގެން ކަމަށެވެ. އަދި ތެލުގެ ޚިދުމަތް ދެވޭނެ ވަގުތެއް ފަހުން އަންގާނެކަމަށެވެ.
ކެޔޮޅާއަށް އެނގިފައިވާ ގޮތުގައި، ކޭއެފްސީއާއި މަހާ ކަލަމިންޖާއަށް ތެޔޮ ފޯރުކޮށްދެމުން ދަނީ ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)އިންނެވެ. މިފްކޯއަށް ތެޔޮ ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވަނީ، މިފްކޯއިން ކުރިން ނަގާފަހުރި ބިލުތަކަށް ފައިސާ ނުދެއްކި، ”ބެކްލޮގް“ ބޮޑުވުމުގެ ސަބަބުން މިހާރު އެސްޓީއޯއިން މިފްކޯއަށް ކްރެޑިޓަށް ތެޔޮ ދޫނުކުރާތީ އެވެ. މިކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.
މިފްކޯގެ ފެސިލިޓީތަކުންނާއި ބޯޓްތަކުން މަސްވެރިންނަށް ތެޔޮ ކްރެޑިޓަށް ދޫނުކުރާތާވެސް ދުވަސްގަނޑެއް ވެއްޖެއެވެ. ތެޔޮ ދޫކުރެވެން ނެތީ މިވަގުތު އެސްޓީއޯއިން ކޮންޓްރޯލްކޮށްގެން ތެޔޮ ދޫކުރަމުންދާތީކަމަށް މީގެ ކުރިން މިފްކޯއިން ބުނެފައި ވެއެވެ. އަދި، މިވަގުތު ކުންފުނި އޮތީ މަސްވެރިންނަށް ތެޔޮ ކްރެޑިޓަށް ދެވޭ ހާލަތެއްގައި ނޫންކަމަށްވެސް މިފްކޯއިން މީގެކުރިން ބުނެފައި ވެއެވެ.