މިއަދުވެސް ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް އެ އިދާރާއިން ބުނެފައިވަނީ، އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވައިވެސް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެެވެ.
“ ވައިޖެހޭނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވޭ.“ މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން ހުރިހައި ހިސާބަކަށްވެސް ކަނޑު ގަދަވާނެކަމަށާއި، ރާޅު ނަގާނެކަމަށް ލަފާކުރެވެނީ 5-8 ފޫޓު އުސްމިނުގައި ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. އަދި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އި އިދާރާއިން ބުނެފައި ވެއެވެ.
މޫސުން ގޯސްވެ، މިވަގުތުވެސް ނ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް އޮތީ ހުދު ސަމާލު ނެރެފަ އެވެ. ހަވީރު 06:00 އާ ހަމަޔަަށް އެ އަތޮޅުތަކަށް ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ހެޓް އޮފީހުން ވަނީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ.